ދުނިޔެ

ޖަޕާނަށް 5.2ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ


ޖަޕާނުގެ މެދުތެރޭ ސަރަޙައްދަކަށް ރިކްޓަރ މިންގަނޑުން 5.2ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މި ބިންހެލުން އައިސްފައި ވަނީ އިޝިކާވާ ޕްރިފެކްޗަރއަށެވެ. އެ ޕްރިފެކްޗަރގެ ނޯޓޯ ސަރަޙައްދަށް އައި މި ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދިފައިވާ ކަމުގެ އިންޒާރު އެއްވެސް އިދާރާއަކުން ދީފައެއް ނުވެއެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، މި ބިންހެލުން އައިސްފައި ވަނީ ބިމުގެ އަޑިން 10 ކިލޯމީޓަރުގެ ފުނަށް ކަމުގައެވެ. މި ބިންހެލުމާ ގުޅިގެން އެއްވެސް ޢިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވި ނަމަވެސް، ފަސް މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިގެން ފަރުވާ ދޭން ޖެހުނެވެ.

މި ހާދިސާއާ ގުޅިގެން ޖަޕާނުގެ ބޮޑުވަޒީރު ކިޝީޑާ ފުމީއޯ ވަނީ، ޚާއްޞަ ޓާސްކް ފޯހެއް އެކުލަވައިލައްވާފައެވެ. އަދި، ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތައް ދިރާސާކޮށް، އެއްވެސް މީހަކު ހާލުގައި ޖެހިފައިވޭތޯ ކަށަވަރުކޮށް، އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަމުރު ކުރައްވާފައެވެ.

އެ ސަރަޙައްދުގައި ހުންނަ ނިއުކްލިޔަރ ހަކަތަ އުފައްދާ މަރުކަޒުތަކަށް މި ބިންހެލުމާ ގުޅިގެން އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، އެ ކަން ކަށަވަރު ކުރުމަށް އިތުރަށް ބަލަމުންދާނެ ކަމުގައި ބޮޑުވަޒީރުގެ އޮފީހުން ވަނީ ވިދާޅުވެފައެވެ. ކުރިއަށް އޮތް ހަފުތާގައި ވެސް އެ ސަރަޙައްދަށް އިތުރު ބިންހެލުންތަކެއް އަތުވެދާނެ ކަމުގައި ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ.