ދުނިޔެ

ގްރީސަށް އެތެރެވާން އުޅުނު ބަޔަކު ހާލުގައި ޖެހި ހަތަރު މީހަކު ގެއްލިއްޖެ


ކަނޑުމަގުން ޤަވާޢިދާ ޚިލާފަށް ގްރީސަށް ހިޖުރަކުރަން އުޅުނު ބަޔަކު ދަތުރު ކުރަމުންދިޔަ ބޯޓެއް ހާލުގައި ޖެހުމުން ގްރީސްގެ ކޯސްޓްގާޑުން އެ މީހުން ސަލާމަތްކޮށްފިއެވެ. ގްރީސް މައިކޯނޯސްގެ އައްސޭރި ފަށުން ދަތުރު ކުރަމުން ދިޔަ ބޯޓު ދިޔަވެ، އަޑިއަށްދާން ފެށުމުން އެ ބޯޓުގައި ދަތުރު ކުރަމުންދިޔަ 108 މީހަކު ވަނީ ސަލާމަތް ކޮށްފައެވެ. ނަމަވެސް، ބޯޓުން ދަތުރު ކުރަމުންދިޔަ ހަތަރު މީހަކު ގެއްލިފައިވާކަމަށް ކޯސްޓުގާޑުން ބުންޏެވެ.

މި ބޯޓުގައި ދަތުރު ކުރަމުން ދިޔަ މީހުންގެ ތެރޭގައި 24 އަންހެނުންނާއި 21 ކުޑަކުދިން ހިމެނެއެވެ. އަދި މިއީ ކޮން ޤައުމަކަށް ނިސްބަތްވާ ބައެއް ކަން ސާފުވެފައެއް ނުވެއެވެ. އެ މީހުން ތިބީ ލައިފް ޖެކެޓު ވެސް ނާޅައެވެ.

ޤަވާޢިދާ ޚިލާފަށް އެއް ޤައުމުން އަނެއް ޤައުމަށް މީހުން ގެންގޮސް ދިނުމަކީ މިހާރު ވިޔަފާރި އުސޫލުން ހިންގާ ބޮޑު ޖަރީމާއެކެވެ. މި ވިޔަފާރީގައި ހަރަކާތްތެރިވާ ޖަމާޢަތްތަކަށް ފައިސާ ދީގެން މި ގޮތަށް ކުރާ ގިނަ ދަތުރުތަކަކީ ނުރައްކާތެރި ދަތުރުތަކެކެވެ.

ގްރީސްއަކީ، ތުރުކީ ވިލާތް ފަދަ ޤައުމުތަކުން ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގެ ޤައުމުތަކަށް އެތެރެވުމަށް ބޭނުންކުރާ މަގެކެވެ. މި ގޮތަށް އީ.ޔޫ.އަށް ދަތުރު ކުރާ އެންމެންނަކީ ވެސް، އެ ޤައުމުތަކަށް ގޮސް ވަޒަންވެރިވުމަށް މަސައްކަތް ކުރާ ރެފިޔުޖީންނެވެ. ނަމަވެސް، 2016 ވަނަ އަހަރު ގްރީސާއި އީ.ޔޫ.އާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން، އެ ޤައުމު މެދުވެރިކޮށް އީ.ޔޫ.އަށް ދަތުރުކުރާ ރެފިޔުޖީންގެ އަދަދު ވަނީ މަދުވެފައެވެ.