ދުނިޔެ

އިނގިރޭސިވިލާތުގެ ރޭލު ދަތުރުތައް ހުއްޓުމަކާ ގާތަށް


އިނގިރޭސިވިލާތުގެ ދަތުރުފަތުރުގެ ޚިދުމަތުގައި މަސައްކަތް ކުރާ މީހުންގެ ޔޫނިއަނާއި ސަރުކާރާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކުން ކުރިމަގެއް ނުފެނި، އެ ޤައުމުގެ ރޭލު ދަތުރުތަކުގެ ޚިދުމަތްތައް ހުއްޓުމަކަށް އަންނަން އުޅޭ ކަމުގެ ބިރު ހީވެއްޖެއެވެ. ރެއިލް، މެރިޓައިމް އެންޑް ޓްރާންސްޕޯޓް ވޯކަރސް ޔޫނިއަން (އާރް.ޓީ.އެމް) ސަރުކާރާ މަޝްވަރާ ކޮށްފައި ވަނީ، މުސާރަ ކެނޑުމާއި ވަޒީފާތައް މަދު ކުރުމާ މެދު ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށެވެ.

ނަމަވެސް، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ އެކު ކުރަމުންދިޔަ މަޝްވަރާތަކުން އެދެވޭ ހައްލެއް ލިބިފައި ނުވާ ކަމަށް އެ ޔޫނިއަނުން ބުންޏެވެ. އަދި، މި ސިނާޢަތުގައި މަސައްކަތް ކުރާ 50,000 އަށް ވުރެ ގިނަ މީހުން، އަންނަ ހަފުތާއިން ފެށިގެން އިހުތިޖާޖު ފަށާނެ ކަމަށާއި، މި މަހުގެ 21، 23 އަދި 25 ވަނަ ދުވަހު މަސައްކަތް ނުކުރާނެ ކަމަށް އެ ޔޫނިއަނުން ބުންޏެވެ. މިއާއެކު އެ ޤައުމުގެ ރޭލު ދަތުރުފަތުރުގެ ވިއުގައިގެ ދެބައިކުޅަ އެއްބައި މުޅިން ހުއްޓުމަކަށް އަންނާނެއެވެ.

އާރް.ޓީ.އެމް.އިން ރާވާފައިވާ ގޮތަށް އަންނަ ހަފުތާގައި އިހުތިޖާޖު ކުރަން ފަށައިފި ނަމަ، ގިނަ އަދަދެއްގެ ދަތުރުވެރިންނަށް އެ ކަމުގެ ނޭދެވޭ އަސަރު ކުރާނެއެވެ. މިފަދަ އިހުތިޖާޖަކީ، ފާއިތުވި 30 އަހަރުގެ ތެރޭގައި ވެސް މި ސިނާއަތުން ފެނިފައި ނުވާ ފަދަ ބޮޑު އިހުތިޖާޖަކަށް ވެގެން ދާނެއެވެ. ރޭލު އޮޕަރޭޓްކުރާ މީހުން ބުނީ، ކަނޑައަޅާފައިވާ ޝެޑިއުލާ އެއްގޮތަށް ރޭލު ދަތުރުތައް ކުރިއަށް ނުދާނެ ކަމަށެވެ. އަދި، އެ ދުވަސްތަކުގައި ޒަރޫރީ ބޭނުމެއް ނެތި ރޭލު ދަތުރުތައް ނުކުރުމަށް ވެސް އެ މީހުން ވަނީ ދަތުރުވެރިންނަށް ގޮވައިލާފައެވެ.

އާރް.ޓީ.އެމް.ގެ ޖެނެރަލް ސެކްރެޓަރީ މިކް ލިންޗް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުގެ ސަބަބުން މި ސިނާއަތުގައި މަސައްކަތް ކުރާ އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލިފައިވާ ކަމުގައެވެ. އަދި، އިތުރު ބައެއްގެ މުސާރަ ކުޑަވެފައިވާ ކަމުގައެވެ. ޔޫނިއަނުން މަސައްކަތް ކުރަމުން ދަނީ އުފުލެމުންދާ ތަކެތީގެ އަގުތަކާ ބައްދަލުވާ ފަދަ މުސާރައިގެ ކުރިއެރުންތަކެއް އެ ސިނާއަތުގެ މަސައްކަތްތެރިންނަށް ހޯދައިދިނުމަށެވެ.

އިނގިރޭސި ވިލާތުގެ ދަތުރުފަތުރާ ބެހޭ ވަޒީރު ގްރެންޓް ޝެޕްސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، މިފަދަ އިހުތިޖާޖެއް ކޮށް، އެތައް ހާސް ބަޔަކަށް ހޮސްޕިޓަލާއި، ސްކޫލާއި، ވަޒީފާތަކަށް ނުދެވޭ ގޮތަށް އަމަލު ކުރުމަކީ އެ މީހުންނަށް ހެދޭނެ ވަރަށް ބޮޑު "ގޯހެއް" ކަމުގައެވެ. އަދި، މި ކަމުގެ ގިނަ އަދަދެއްގެ ބަޔަކަށް މުސީބާތަކާ ކުރިމަތިލާން ޖެހޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އާރް.ޓީ.އެމް.ގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހުށަހަޅާފައި ވަނީ، ސިނާއަތުގެ މަސައްކަތްތެރިންގެ މުސާރައަށް 2 އިންސައްތައިގެ ކުރިއެރުމެއް ގެނެސްދިނުމެވެ. އަދި، އަހަރުގެ މެދުތެރެއިން އިތުރު 0.5 އިންސައްތައިގެ ކުރިއެރުމެއް ގެނެސްދިނުމެވެ. ނަމަވެސް. އާރް.ޓީ.އެމް.އިން މި ހުށަހެޅުން ޤަބޫލުކޮށްފައެއް ނުވެއެވެ.

އިނގިރޭސި ވިލާތުގެ އިދިކޮޅު ލޭބަރ ޕާޓީން ވެސް ވަނީ އިހުތިޖާޖާ ދެކޮޅު ކަން ހާމަކޮށްފައެވެ. ނަމަވެސް، އެ ޕާޓީގެ ލީޑަރު ކިއަރ ސްޓާމަރ ވަނީ އިހުތިޖާޖު ހުއްޓުވަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި، މި ކަމުގައި ސަރުކާރުން ގެންގުޅޭ "އަލިފާނަށް ދަރު އެޅުމުގެ" ސިޔާސަތު ދޫކޮށްލުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ.

އާރް.ޓީ.އެމް.އިން ކުރުމަށް ތައްޔާރުވަމުންދާ އިހުތިޖާޖާ ގުޅުވައިގެން އަންނަ އަންގާރަ ދުވަހު "ލަންޑަން އަންޑަރ ގްރައުންޑް" ރޭލު ނެޓްވޯކްގެ މުވައްޒަފުން ވެސް 24 ގަޑިއިރަށް އިހުތިޖާޖުގައި ބައިވެރިވުމަށް ވަނީ ނިންމާފައެވެ. މި އިހުތިޖާޖުތަކާ އެކު، ބައެއް ބޮޑެތި ޖަލްސާތަކާއި އިވެންޓުތަކަށް ވެސް ބުރޫ އަރާނެއެވެ. މީގެ ތެރޭގައި ގްލެސްޓަންބިޔުރީ ފެސްޓިވަލާއި ބްރިޓިޝް އެތްލެޓިކްސް ޗެމްޕިއަންޝިޕް ހިމެނެއެވެ.