ކުޅިވަރު

ނިއުގެ ކޯޗު ބުރާސްފަތި ދުވަހު އަންނާނެ


ކުރިއަށް އޮތް ސީޒަނަށް ނިއުރޭޑިއަންޓަށް އިރުޝާދިދުނުމަށް ގެންނަ ކޯޗު ބަލްގޭރިޔާގެ ސްޓޮއިކޯފް ބުރާސްފަތި ދުވަހު މާލެ އައިސް ޓީމާއި ހަވާލުވާނެކަމަށް އެކްލަބުން ބުނެފިއެވެ. ކްލަބް ހިންގުމުގައި މިވަގުތު އިސްކޮށް ހަރަކާތްތެރިވާ އެކްލަބްގެ ކުރީގެ ޑިފެންޑަރ އަހުމަދު ނިޔާޒް ބުނީ ކްލަބްގެ ބިދޭސީ ކުޅުންތެރިންގެ ރިލީޒްވެސް މިހާރު ލިބިފައިވާކަމަށެވެ." 28 ވަނަ ދުވަހު ކޯޗު މާލެ އަންނާނެ. ބިދޭސީ ތިން ކުޅުންތެރިންގެ ރިލީޒްވެސް މިހާރު ލިބިއްޖެ. " ނިޔާޒް ބުންޏެވެ.ނިއުއަށް ގެންނަ ކޯޗު ސްޓޮއިކޯފްއަކީ 2004 ވަނަ އަހަރު އެކްލަބް އޭއެފްސީކަޕް ސެމީފައިނަލަށް ގެންގޮސްދިން ކޯޗެވެ. އަދި ކުރިން ޤައުމީ ޓީމަށްވެސް އޭނާ އިރުޝާދުދިނެވެ. ފާއިތުވި ސީޒަންގެ ބޮޑުބައި މަހިބަދޫ ޓީމަށް އިރުޝާދު ދިނީވެސް ސްޓޮއިކޯފެވެ. ނަމަވެސް ފާއިތުވި ސީޒަންގައި އޭނާގެ ކްލަބްގެ ނަތީޖާތައް ރަނގަޅެއް ނޫނެވެ.ނިއުއަށް ގެންނަ ބިދޭސީ ތިން ކުޅުންތެރިންނަކީ ޤާނާގެ ގޯލްކީޕަރު އަބޫ ސުލޭމާނާއާއި، ނައިޖީރިޔާގެ ޑިފެންޑަރ މައިކަލްއާއި، ބަލްގޭރިޔާގެ ޑިފެންޑަރ ވެލިޗޯވްއެވެ. ބަލްގޭރިޔާގެ ޑިފެންޑަރަކީ ޑިފެންސިވް މިޑްފީލްޑަރަކަށްވެސް ކުޅޭ ކުޅުންތެރިއެކެވެ.ޓީމްގެ ޕްރެކްޓިސް މިހާރުކުރިއަށްދަނީ އެޓީމްގެ ކުރީގެ މިޑްފީލްޑަރ އަޝްރަފް ލުތުފީ ( ސަމްޕަތު ) ގެ ބެލުމުގެ ދަށުންނެވެ.