ދުނިޔެ

ބަންގްލަދޭޝާއި އިންޑިއާގައި ފެން ބޮޑުވެ އެތައް މިލިޔަން މީހުން ހާލުގައި ޖެހިފައި


މޫސުމީ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބަންގްލަދޭޝާއި އިންޑިއާގެ އިރުއުތުރުގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެ، އެތައް މިލިޔަން ބަޔަކު ހާލުގައި ޖެހިއްޖެއެވެ. ފެންބޮޑުވުމާ ގުޅިގެން މެދުވެރިވި އެކި ހާދިސާތަކުގައި ބަންގްލަދޭޝްގައި 19 މީހުން ވަނީ މަރުވެފައެވެ. އަދި އިންޑިޔާގައި މަރުވި މީހުންގެ އަދަދު ވަނީ ނުވައަކަށް އަރާފައެވެ.

ބަންގްލަދޭޝްގައި 15 މީހުން މަރުވީ ހޮނުއެޅުމާ ގުޅިގެން ކުރިމަތިވި ހާދިސާތަކެއްގައި ކަމަށާއި، ފެންބޮޑުވުމާ ގުޅިގެން ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި އިތުރު ހަތަރު މީހަކު މަރުވި ކަމަށް ބަންގްލަދޭޝް ފުލުހުން ބުންޏެވެ. މިއީ، 2014 ވަނަ އަހަރަށް ފަހު އެ ޤައުމަށް ކުރިމަތިވި މިފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ.

ބަންގްލަދޭޝްގެ ސިލްހެތް ސަރަޙައްދުގެ އިސްވެރިޔާ މުޙައްމަދު މުޝައްރަފް ޙުސައިން ވިދާޅުވީ އެ ޤައުމުގެ އިރުއުތުރުގެ ގިނަ ސަރަޙައްދުތައް މިހާރު އޮތީ ފެނު އަޑީގައި ކަމުގައެވެ. އަދި، 16 މިލިޔަނަށް ވުރެ ގިނަ މީހުން، އެ މީހުންގެ ގެދޮރުގައި ބަންދުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ސުނަމްގަންޖް ޑިސްޓްރިކްޓަށެވެ. އެ ރަށުގައި ބަންދުވެފައިވާ މީހުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީ، އެ މީހުން ސަލާމަތް ކުރުމަށް ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އެ ސަރަޙައްދުގައި ލިބެން ހުރި ބޯޓު ފަދަ އުޅަނދުތަކުގެ އަދަދު މަދުވުމުން އެ ކަމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބަންގްލަދޭޝްގެ ގިނަ ސަރަޙައްދުތަކެއްގެ ކޯރުތަކުގެ ފެންގަނޑު ވަނީ ނުރައްކާތެރި މިންވަރަކަށް އުފުލިފައެވެ. ފެންބޮޑުވުމާ ގުޅިގެން ކުރިމަތިވަމުންދާ ހާދިސާތަކުގެ ސަބަބުން ބަންގްލަދޭޝްގެ އިރުއުތުރުގެ ސަރަޙައްދުތަކުގައި އިންސާނީ މުސީބާތެއް ކުރިމަތިވެދާނެ ބިރު ހީވެފައިވާ ކަމުގައި ސުނަމްގަންޖް ޑިސްޓްރިކްޓުގެ އިސްވެރިޔަކު ވިދާޅުވިއެވެ. އެ ރަށުގެ ރައްޔިތުންނަށް ކާބޯތަކެތި ހޯދާނެ މަގުތައް ބަންދުވެފައިވާއިރު، ކަރަންޓާއި މުވާސަލާތީ ޚިދުމަތްތަކަށް ވެސް ވަނީ ބުރޫއަރާފައެވެ.

މޫސުމީ ވިއްސާރައިގެ އަސަރު އިންޑިޔާގެ އިރުއުތުރު އައްސާމް ސްޓޭޓަށް ވެސް ދަނީ ފޯރަމުންނެވެ. އެ ސްޓޭޓްގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި ނުވަ މީހަކު މަރުވިއެވެ. އަދި ދެ މިލިޔަނަށް ވުރެ ގިނަ މީހުންނަށް ވަނީ އެ މީހުންގެ ގެދޮރު ދޫކޮށް ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުވާން މަޖުބޫރުވެފައެވެ.

އައްސާމް ސްޓޭޓްގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަސްކަރިއްޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ. މި ވިއްސާރައިގެ އަސަރު އިންޑިޔާގެ 33 ސްޓޭޓެއްގެ ތެރެއިން 25 ސްޓޭޓަކަށް ކުރަމުންދާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި ބަންގްލަދޭޝާއި އިންޑިޔާއަށް ކުރިމަތިވާ މި ފަދަ މޫސުމާ ގުޅޭ ކާރިސާތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. އަދި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެ ޤައުމަކަށް އޮތް ނުރައްކާ އިތުރުވާނެ ކަމަށް މޫސުމާ ގުޅޭ މާހިރުން ބުނެއެވެ. ވަކީން ޚާއްޞަކޮށް، ބަންގްލަދޭޝްގެ ބިންތިރި ހިސާބުތަކަށް މި ކަމުގެ ނުރައްކާ ބޮޑުވާނެއެވެ.