ޚަބަރު

ލޭ ހަދިޔާކުރުން, އެންމެންގެ ޒިންމާއެއް


މިއަދު މި މުޖުތަމައުގައި ދިމާވެފައިވާ އެންމެ ބޮޑު އެއް ދަތިކަމަކީ އެކިއެކި ސިއްޙީ ސަބަބުތަކާހެދި ލޭ އަޅަންޖެހޭ މީހުންނަށް ލޭ ހޯދުމުގައި ދިމާވާ ދަތިކަމެވެ. ބަލި މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައިި ލޭ ހޯދުމަކީ ދަތި އުނދަގޫ ކަމަށް އޮންނަނީވެފައެވެ. ކޮންމެ ދުވަހަކުވެސް ލޭ ހޯދުމަށް އެކި މީހުން ކުރަމުން އަންނަ މަސައްކަތް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުން އަންނަނީ ފެންނަމުންނެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑްރިއޭޓިކްސް ޑރ.އަހްމަދު އުމަރު ވިދާޅުވީ ރާއްޖޭގައި ލޭ ހަދިޔާ ކުރުމުގައި ދިމާވާ އެންމެބޮޑު ދަތިކަމަކީ ވޮލުންޓިއަރކޮށް ނުވަތަ ދަރުމައަށް އެދި ލޭ ހަދިޔާކުރާ މީހުން ޚާއްސަކޮށް ޤަވާއިދުން ލޭ ހަދިޔާ ކުރާ މީހުން މަދުވުމެވެ.

"ރާއްޖޭގައި ލޭ ހަދިޔާ ކުރާ ހިތްވާ އަދި ލޭ ހަދިޔާ ކުރަން ބޭނުންވާ ގިނަ މީހުން ތިބިކަމުގައި ވީ ނަމަވެސް އެ މީހުން މަޑުކޮށްލައިގެން މިތިބެނި މީހަކު ބުނަންދެން. މީހަކު ތިމާ ކައިރި ކޮންމެސް ގޮތަކުން ތިމާގެ ލެއަށް ބޭނުންވެގެން އުޅޭކަން އެނގެންދެން މަޑުކޮށްލައިގެން އަސްލު ހުންނަނި. އޭގެ ބަދަލުގަ މިދެންނެވި ގޮތަށް ވޮލުންޓިއަރކޮށް ކޮންމެ ތިން މަހުން ތިން މަހުން ލޭ ހަދިޔާ ކުރާ ނަމަ ލޭ ބޭނުންވާ މީހުންނަށް ލޭ ލިބުމުގައި ހަމަ ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ." ޑރ.ޢުމަރު ވިދާޅުވިއެވެ.

މިމައްސަލައަކީ ކިތަންމެ އާންމު މައްސަލައަކަށް ވީނަމަވެސް މިކަމާ އަޅާލުންކުޑަވެ ފަރުވާކުޑަވާކަމީ ހިތާވެރި ކަމެކެވެ. ލޭ އަޅަންޖެހޭ މީހުންގެތެރެއިން އެންމެ ގިނައީ ތެލްސީމިއާ ކުދިންނާއި މީހުންނެވެ. އެއީ ލޭއަޅަންޖެހޭ ޙާލަތަށް ދިއުމުން ލޭ ނާޅައިފިނަމަ ފުރާނައަށް ނުރައްކާވާ ޙާލަތުގައި ތިބި ބައެކެވެ. އެމީހުންނަށް މިނޫންގޮތެއް މިވަގުތަކު ނެތެވެ.

ދަރުމައަށް ލޭ ހަދިޔާކުރާ މީހުން ރާއްޖޭގެ ނިސްބަތައް ބަލާއިރު ވަރަށް މަދުކަމަށް ޑރ.އުމަރު ފާހަގަކުރައްވައެވެ. ރާއްޖޭގައި އެންމެ ގިނައިން ދަރުމައަށް މީހުން ލޭ ހަދިޔާ ކުރާ އެއްތަނަކީ މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް)އެވެ. އެހެންނަމަވެސް އެމްބީއެސްގެ ތަފާސްހިސާބަށް ބަލާއިރު ދަރުމައަށް ލޭ ހަދިޔާ ކުރާ މީހުންގެ ނިސްބަތަކީ އެންމެ %33އެވެ. އަނެއް %67އަކީ ޑައިރެކްޓް ޑޯނަރސް ނުވަތަ އާއިލާތަކުން ހޯދައިގެން ބަލިމީހާގެ ފަރާތުން އަންނަ މީހުންނެވެ.

ޑރ.ޢުމަރު ވިދާޅުވީ އެމްބީއެސް ފިޔަވައި ލޭ ހަދިޔާ ކުރެވޭ އެހެން މަރުކަޒުތަކަށް ބަލާއިރު މިޙާލަތު އަދި މިއަށްވުރެ ދަށްކަމަށެވެ. އެގޮތުން ހޮސްޕިޓަލްތަކުގައި މިޢަދަދު އުޅެނީ %1އާއި %5އާ ދެމެދުގައެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ ވޮލުންޓިއަރކޮށް ލޭ ހަދިޔާ ކުރާ މީހުން %100އަށް ގެނައުން. މިކަން ވާންއޮތީ ހުރިހާ އެންމެން މިކަމަށް އެއްބާރުލުން ދީގެން." ޑރ.އުމަރު ވިދާޅުވިއެވެ.

ދަރުމައަށް ލޭ ހަދިޔާކުރާނަމަ މި ނިސްބަތް އިތުރުކުރެވިދާނެއެވެ. އަދި ހަމަ ލޭ ހޯދުމަށްޓަކައި ސޯޝަލް މީޑީއާ މެދުވެރިކޮށް ނުވަތަ މީހަކު މެދުވެރިކޮށް ސަލާމްޖަހާ ޖެހުން ހުއްޓި މިކަން ހައްލެއް ލިބިގެންދާނެއެވެ.

ޤަވާއިދުން ލޭ ހަދިޔާ ކުރެވޭނެ ގޮތް

އާންމުގޮތެއްގައި ޤަވާއިދުން ލޭ ހަދިޔާ ކުރާ މީހަކަށް ލޭ ހަދިޔާ ކުރެވޭނީ ކޮންމެ ތިން މަހަކުން އެއްފަހަރުއެވެ. ސަބަބަކީ ލޭ ހަދިޔާ ކުރުމުން އެމީހާގެ ހަށިގަނޑުން ލޭގެ ރަތް ސެލް ހުންނަ މިންވަރު ދައްވެއެވެ. އަދި އަލުން އެބައި ރަނގަޅުވެ އިއާދަ ވާން ގާތްގަނޑަކަށް 60 ދުވަހާއި 90 ދުވަހާ ދެމެދުގެ މުއްދަތެއް ނަގައެވެ. އެ މުއްދަތަށް ބެލުމަށްފަހު ކަނޑައަޅާފަވާ އުސޫލުގެ ދަށުން އާންމު ގޮތެއްގައި ލޭ ހަދިޔާ ކުރެވޭނީ ތިން މަހުން ތިން މަހުންނެވެ.

ޤަވާއިދުން ލޭ ހަދިޔާކުރުމަކީ އެއްވެސް ގެއްލުމެއް ހުރި ކަމެއް ނޫން

މިހާތަނަށް ކުރެވިފައިވާ ދިރާސާތަކުން ދައްކާގޮތުގައި ޤަވާއިދުން ލޭ ހަދިޔާ ކުރުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ޤަވާއިދުން ލޭ ހަދިޔާ ކުރުމުގެ ސަބަބުން ހަށިގަނޑަށް އޭގެ އެއްވެސް ނުރަނގަޅު އަސަރެއް ކުރާކަމަކަށްވެސް ދައްކާފައެއް ނުވެއެވެ.

ނަމަވެސް ގަވާއިދުން ލޭ ހަދިޔާ ކުރާ މީހެއް ވެއްޖިއްޔާ ސަމާލުކަން ދޭންޖެހޭ ކަންތައްތައް ހުންނާނެއެވެ. އެގޮތުން މީހާގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. ރަނގަޅު ކާނާ ކެއުމާއި ކަސްރަތު ކުރުންފަދަ ކަންތައްތަކަކީ ސިއްހަތު ސަލާމަތުން ބެހެއްޓުމަށް ކުރަންޖެހޭ ކަންތައްތަކެވެ. މިފަދަ ކަންތައްތަކަށް ސަމާލުކަން ދީގެން ކޮންމެ މީހަކުވެސް ޤަވާއިދުން ލޭ ހަދިޔާ ކުރާނަމަ އެއީ އޭގެ ސަބަބުން އެއްވެސް ނުރައްކަލެއް އޮތްކަމެއް ނޫނެވެ.

ލޭ ހަދިޔާ ކުރުމަކީ ސިއްހީ ގޮތުން ފައިދާ ހުރި ކަމެއް

ލޭ ހަދިޔާ ކުރުމަކީ އިންސާނިއްޔަތަށް ކުރެވޭ މަތިވެރި ޚިދުމަތެކެވެ. ސިއްހީ ގޮތުން ބަލާއިރުވެސް ގިނަ ފައިދާތަކެއް ލިބޭ ކަމެކެވެ. އަހަރެމެންގެ މުޖުތަމައުގައި ލޭ ހަދިޔާ ކުރަން ފަސްޖެހުމުގެ އެންމެ ބޮޑު އެއް މައްސަލައަކީ މިކަމާ ގުޅިގެން އޮންނަ ހޭލުންތެރިކަން ކުޑަވުމެވެ. ލޭ ހަދިޔާކުރުމުގެ ސަބަބުން ލިބޭ ބައެއް ސިއްހީ ފައިދާތަކުގެތެރޭގައި ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ކުޑަ ކޮށްދިނުމާއި ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަ ކޮށްދިނުމާއި މިހާގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދިނުމުގެ އިތުރުން ބަރުދަން ލުއި ކުރުމަށް އެހީވެދިނުން ހިމެނެއެވެ.