ދުނިޔެ

ސަޢޫދީއަށް ދަނީ ވަލީއަޙުދާ ބައްދަލުކުރާކަށް ނޫން: ބައިޑަން


އެމެރިކާގެ ރައީސް ޖޯ ބައިޑަން ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި އެ ޤައުމުގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ އެ ކަމާ ނުރުހުން ފާޅުކުރަމުންދާ މީހުންނަށް ބައިޑަން ރައްދު ދެއްވައިފިއެވެ. އޭނާ މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް އަންނަ ޖުލައި މަހު ޒިޔާރަތް ކުރައްވަން ހަމަޖެހިފައިވާއިރު، ސަޢޫދީ ޢަރަބިއްޔާގެ އިތުރުން އިސްރާޢީލަށް ވެސް އޭނާ ވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގައި ސަޢޫދީ ވަލީއަޙުދާ ބައިޑަން ބައްދަލު ކުރައްވާނެ ކަން ހާމަވުމާ ގުޅިގެން އޭނާއަށް ވަނީ ނުރުހުން އަމާޒު ވެފައެވެ. ސަބަބަކީ، ތުރުކީވިލާތުގައި ހުންނަ ސަޢޫދީ ކޮންސިއުލޭޓްގައި 2018 ވަނަ އަހަރު އެމެރިކާގެ ވޮޝިންގްޓަން ޕޯސްޓުގެ ނޫސްވެރިއެއް ކަމުގައިވާ ޖަމާލް ޚާޝޮގީ މަރައިލުމުގެ ފަހަތުގައި ހުންނެވީ ސަޢޫދީ ވަލީއަޙުދު ކަމަށް ކުރެވޭ ތުހުމަތުތަކެވެ.

ބައިޑަން ވިދާޅުވީ، ސަޢޫދީ ދަތުރުފުޅަކީ "ޖީ.ސީ.ސީ+3" ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި، އެ ބައްދަލުވުންތަކުގައި ސަޢޫދީ ވަލީއަޙުދު އިންނެވުމަކީ އޭނާއާ ވަކިން ބައްދަލު ކުރެއްވުން ކަމުގައި ޤަބޫލުފުޅު ނުކުރައްވާ ކަމުގައެވެ. ސަޢޫދީ ރަސްގެފާނާ އެކު ބައިޑަން ބާއްވަވާ ބައްދަލުވުމުގައި ވެސް ވަލީއަޙުދު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.

ހާޝޮގީގެ މަރުގެ ފަހަތުގައި މުޙައްމަދު ބިން ސަލްމާގެ އަތެއް ވާ ކަމަށް ބައިޑަން ޤަބޫލުފުޅު ކުރައްވާ ކަމުގައި ވައިޓް ހައުސްއިން ކުރިން ވަނީ ބުނެފައެވެ. ބައިޑަން ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ މި ދަތުރުފުޅަކީ ޚާޝޮގީ މަރާލި ފަހުން އެމެރިކާގެ ރައީސަކު ސަޢޫދީ ވަލީއަޙުދާ ބައްދަލުވާ ފުރަތަމަ ފަހަރަށެވެ.