ދުނިޔެ

ގެއްލިފައިވާ އިނގިރޭސި ނޫސްވެރިޔާގެ ހަށިގަނޑު ފެނިއްޖެ


އެމޭޒަން ޖަންގައްޔަށް ގެއްލުނު އިނގިރޭސި ވިލާތުގެ ނޫސްވެރިޔާ ޑޮމް ފިލިޕްސްގެ ހަށިގަނޑު ފެނިއްޖެއެވެ. އޭނާގެ ހަށިގަނޑު ފެނިފައި ވަނީ މަރައިލުމަށްފަހު ޖަންގަލީގެ ސަރަޙައްދެއްގައި ވަޅުލާފައި އޮއްވައެވެ. ހަށިގަނޑު ނަގައި ފޮރެންސިކް ޓެސްޓު ކުރުމުން، އެއީ ފިލިޕްސްގެ ހަށިގަނޑު ކަން ކަށަވަރު ކުރެވިފައިވާ ކަމަށް ބްރެޒިލްގެ ފުލުހުން ބުންޏެވެ.

ފިލިޕްސްގެ ހަށިގަނޑާ އެކު ވަޅުލާފައި އޮތް އިތުރު ހަށިގަނޑަކީ، އޭނާއަށް އެހީތެރިވަމުން ދިޔަ ބްރޫނޯ ޕެރޭރާގެ ހަށިގަނޑު ކަމަށް ޤަބޫލު ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ. އަދި, އެ ކަން ކަށަވަރު ކުރުމަށް ދަނީ ޓެސްޓުތައް ހަދަމުންނެވެ. ޕެރޭރާއަކީ އެމޭޒަން ޖަންގަލީގައި ދިރިއުޅޭ ގަބީލާތަކުގެ ދިރިއުޅުން ދިރާސާ ކުރާ މާހިރެކެވެ.

މި ދެ މީހުން ގެއްލުމާ ގުޅިގެން ފަށާފައިވާ ތަހުޤީޤުގައި އަމަރިލްޑޯ ދެކޮސްޓާ އޮލިވެއިރާއާއި އޮސޭނީ ދެކޮސްޓާ އޮލިވެއިރާ ކިޔާ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި ދެމީހުންނަކީ ދެބެއިންނެވެ. ފިލިޕްސްއާއި ޕެރޭރާގައި ހަށިގަނޑު ވަޅުލާފައި އޮތް ތަން ފުލުހުންނަށް ދެއްކީ މީގެ ތެރެއިން އަމަރިލްޑޯއެވެ. ފިލިޕްސްއާއި ޕެރޭރާގެ މަރާ ގުޅުން ހުރި އިތުރު މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ބްރެޒިލްގެ ފުލުހުން ބުންޏެވެ.

މި ދެމީހުން ގެއްލިފައި ވަނީ މި ހިނގާ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ. އެ ދެ މީހުން މަސައްކަތް ކުރަމުން ދިޔައީ، އެމޭޒަން ޖަންގަލީގައި ދިރިއުޅޭ ގަބީލާތަކުގެ މީހުންގެ ދިރިއުޅުމާ ގުޅޭ ގޮތުން ތަހުޤީޤީ ރިޕޯޓުތަކެއް ތައްޔާރު ކުރުމަށެވެ. ފިލިޕްސްއަކީ ބައެއް މަޝްހޫރު ނޫސްތައް ކަމުގައިވާ ގާޑިއަންއާއި ވޮޝިންގްޓަން ޕޯސްޓްއަށް ވެސް ލިޔާ ފްރީލާންސް ނޫސްވެރިއެކެވެ.