ކުޅިވަރު

އައްމަޓީ ނެތުމުގެ ނުތަނަވަސްކަމާއި ހިތްހަމަޖެހުން


މިނިވަން 50 ޗެމްޕިއަންޝިޕްގެ ފައިނަލަށް މާދަމާ ފަރެސްމާތޮޑާއާއި، ސ.ފޭދޫ ޓީމް ނިކުންނައިރު އޮތީ ސާފްޗެމްޕިއަންޝިޕް ތަށި ހޯދި ޓީމްގެ މުޙިއްމު ކުޅުންތެރިޔާ އަހުމަދު ސައީދު ( އައްމަޓީ ) ނެތުމުގެ ނުތަވަނަސްކަމާއި ހިތްހަމަޖެހުންކަމަށް ދެޓީމުން ބުނެފިއެވެ.ފައިނަލަށް ނިކުންނައިރު އައްމަޓީއަށް ވަނީ ދެކާޑް ހަމަވެފައެވެ. މިކަމުގެ ހިތްހަމަޖެހުން ބޮޑުކަމަށް ފަރެސްމާތޮޑާ ޓީމްގެ ކޯޗު ފަޒީން މުޙައްމަދު ބުންޏެވެ." އައްމަޓީ ނެތުމަކީ ހަމަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އައްމަޓީގެ ތަޖުރިބާގެ އަލީގައި ގްރޫޕް ސްޓޭޖްގެ މެޗުވެސް އެއްވަރުކުރީ އެމީހުން. އެދުވަހު އެކަކު މަދުކޮށް އެމީހުން ކުޅުނުއިރުވެސް، އައްމަޓީގެ ތަޖުރިބާގެ ބޭނުންކޮށްގެން މެޗު ހިިފެހެއްޓި. އެހެންވީމާ އޭނާ ނެތުމަކީ ހަމަ ވަރަށްބޮޑު ހިތްހަމަޖެހުމެއް. " ފަޒީން ބުންޏެވެ.އަނެއްކޮޅުން ފަރެސްމާތޮޑާއަށް ލިބޭ އިތުރު ހިތްހަމަޖެހުމެއްވެސް އެބައޮތެވެ. އެއީ ސެމީފައިނަލް މެޗުގައި ސަސްޕެންޝަންގެ ސަބަބުން ނުކުޅެވުނު ލަންކާ ކުޅުންތެރިޔާ މުޙައްމަދު ނިޒާމްއަށް ފައިނަލް މެޗުގައި ކުޅެވުމެވެ. އެހެންކަމުން ފަރެސްމާތޮޑާ ފައިނަލަށް ނިކުންނާނީ ސެމީފައިނަލަށްވުރެވެސް ވަރުގަދަކޮށެވެ.ފޭދޫ ޓީމުން ބުނަނީ އައްމަޓީ ނެތުމަކީ އޭގެ ޒާތުގައި އުނިކަމެއް ނަމަވެސް، އެތަން ފޫބެއްދޭނެކަމަށެވެ. އެސިސްޓެންޓް މެނޭޖަރ އަލީ ހަނީޒް ބުނީ އައްމަޓީ ނޫނަސް އެޓީމްގައި ތަޖުރިބާކާރު ކުޅުންތެރިން އެބަތިބިކަމަށެވެ." އައްމަޓީ ނެތުމަކީ އޭގެ ޒާތުގައި މައްސަލައެއް. އެކަމަކު ޕީޓަރ ( އަލީ ސަރީރު )، ޝާފިއުމެން ކަހަލަ ތަޖުރިބާކާރު ކުޅުންތެރިން ތިބީމަ އެތަން ފޫބެއްދޭނެ. އަދި ބަދަލުގައި އަރާ ކުޅުންތެރިންވެސް އެތަން ފޫބައްދާނެ. އެހެންވީމާ އެއީ މާބޮޑު މައްސަލައެއްނޫން. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. " ހަނީޒް ބުންޏެވެ.އޭނާ ބުނީ ފަރެސްމާތޮޑާއަކީ މޮޅު ޓީމެއްކަމަށާއި، ބަލިކުރަން އުނދަގޫވާނެކަމަށެވެ. އެކަން ގްރޫޕް ސްޓޭޖް މެޗުން އެނގިފައިވާކަމަށް އޭނާ ބުންޏެވެ.ފަރެސްމާތޮޑާއާއި، ފޭދޫ ވާދަކުރާ ފައިނަލް މެޗުވެސް ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ. މެޗު ފަށާނީ މާދަމާ ހަވީރު 3:45 ގައެވެ.