މުނިފޫހިފިލުވުން

ބޮޑު ކާމިޔާބީއެއް ހޯދި "ބޫލްބުލައްޔާ 2" މާދަމާ ނެޓްފްލިކްސްއަށް


އަނީޒް ބާޒްމީ ޑައިރެކްޓުކޮށް ކިއަރާ އަދުވާނީ އާއި ކާތިކް އާރިޔާން ލީޑްރޯލުން ފެނުނު "ބޫލްބުލައްޔާ 2" ސިނަމާތަކުގައި އެޅުވީ މިދިޔަ މެއި މަހުއެވެ.

ފިލްމު ރިލީޒްކުރިތާ ގާތްގަޑަކަށް މަސްދުވަސް ފަހުން މި ފިލްމު ނެޓްފިލިކްސްއަށް އަންނަން މިވަނީ ތައްޔާރުވެފައެވެ. މި ފިލްމު ނެޓްފިލްސްއިން ދައްކަން ފަށާނީ މާދަމާއެވެ.

ސިނަމާތަކުން މި ފިލްމު މި ނަގަނީ މިއަހަރުގެ މިހާތަނަށް އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓުގައި ހިމެނުމަށްފަހުއެވެ. 27 ދުވަހުގެ ތެރޭގައި މި ފިލްމުވަނީ 175 ކްރޯޑް ރުޕީސް އާމްދަނީއެއް ހޯދާފައެވެ. ސިނަމާތަކުގައި އެޅުވި ފުރަތަމަ ދުވަހުވެސް 14.11 ކްރޯޑް ރުޕީސް ފިލްމަށް ވަނީ ލިބިފައެވެ.

"ބޫލް ބުލައްޔާ" ގެ ދެވަނަ ބަޔަކީ 2007 ވަނަ އަހަރު ނެރުނު ބިރުވެރި މަޖާ ފިލްމު "ބޫލް ބުލައްޔާ" ގެ ސީކުއެލްއެކެވެ. އެބައިގެ ލީޑް ކުޅުނީ އަކްޝޭ ކުމާރާއި ވިދްޔާ ބަލަންއެވެ.

"ބޫލް ބުލައްޔާ" ގެ ދެވަނަ ބައިގައި ކާތިކްގެ އެކެޓިންނަށް އެތައް ބަޔަކު ތައުރީފު ކުރިއިރު މި ފިލްމަކީ ފެމެލި ޖޯންރާގެ ކެޓަގަރީން މިއަހަރު މިހާތަނަށް އެޅުވި އެންމެ މޮޅު ފިލްމުކަމުގައިވެސް ގިނަ ބަޔަކު ބުނެއެވެ.

ކާތިކް އާ ކިއަރާގެ އިތުރުން ތާބޫ، ރާޖްޕާލް ޔާދަވް އަދި ސަންޖޭ މިޝްރާ ވެސް މުހިންމު ރޯލުތަކުން ފެނެއެވެ.

މީގެ ކާމިޔާބީއާއެކު ފިލްމުގެ ތިންވަނަ ބައެއްވެސް އުފައްދަން ނިންމާފައިވާ ވާހަކަ ވަނީ ދެކެވިފައެވެ. އަދި ތިންވަނަ ބައިގެ ލީޑްރޯލުންވެސް ފެންނާނީ ކާތިކް ކަމަށް ވާހަކަތައް ވަނީ ދެކެވިފައެވެ.