ދުނިޔެ

ޔޫކްރެއިންގައި ހައްދާ ގޮވާމުން ރަޝިޔާއިން ވައްކަން ކުރާ ކަމުގެ ތުހުމަތު


ރަޝިޔާއިން ޔޫކްރެއިނަށް އަރައި ހިފާފައިވާ ބައެއް ސަރަޙައްދުތަކުގައި ހައްދާފައިވާ ގޮވާމުގެ ޝިޕްމަންޓުތައް ވަގަން ގެންގޮސް، އެ ތަކެތި ސޫރިޔާއަށް ވިއްކާ ކަމުގެ ތުހުމަތުކޮށްފިއެވެ.

މިކަން ސާބިތު ކޮށްދިނުމުގެ ގޮތުން އެމެރިކާގެ ކުންފުންޏެއް ކަމަށްވާ "މަކްސާ"އިން ވަނީ ރަޝިޔާގެ ބޯޓުތަކެއް ޔޫކްރެއިންގެ ބަނދަރަކުން ގޮވާން ބަރުކޮށްގެން ސޫރިޔާއަށް ދަތުރު ކުރާ މަންޒަރު ފެންނަ ސެޓެލައިޓް ފޮޓޯތަކެއް ޢާންމު ކޮށްފައެވެ.

އެ ފޮޓޯތަކުން ފެންނަނީ، ޔޫކްރެއިންގައި ހައްދާފައިވާ ގޮވާމުގެ ޝިޕްމަންޓުތައް ބަރުކޮށްގެން ސޫރިޔާއަށް ގެންގޮސް ބާލާ މަންޒަރެވެ. އެ ޝިޕްމަންޓުތައް ބަރުކޮށްފައި ވަނީ ރަޝިޔާ ސިފައިން ހިފާފައިވާ ޔޫކްރެއިންގެ ސަރަޙައްދެއް ކަމުގައިވާ ކްރައިމިޔާގެ ސެވާސްތޮޕޯލް ބަނދަރުންނެވެ. ޔޫކްރެއިންގައި ހައްދާ ގޮވާމުގެ ޝިޕްމަންޓުތަކުން ރަޝިޔާއިން ވައްކަން ކުރަމުންދާ ކަމަށް ޔޫކްރެއިނުން މީގެކުރިން ވެސް ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް، އެ ކަން ސާބިތުކޮށްދެވިފައެއް ނުވެއެވެ.

ޔޫކްރެއިންގެ ދަނޑުވެރިންގެ ޔޫނިއަންގެ އިސްވެރިޔާ ވިދާޅުވީ، އެ ޤައުމުގެ ދަނޑުވެރިން ހައްދާފައިވާ 600,000 ޓަނުގެ ގޮވާމުގެ ބާވަތްތައް ރަޝިޔާއިން ވަގަށް ގެންގޮސްފައިވާ ކަމުގައެވެ. އެ ޤައުމުގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު މިކޯލާ ސޮލްސްކީ ވެސް ވަނީ މިފަދަ ތުހުމަތުތަކެއް ކުރައްވާފައެވެ. އޭނާ ވެސް ވިދާޅުވީ، ރަޝިޔާއިން އަތްގަދަކޮށްފައިވާ ހުރިހާ ސަރަޙައްދަކުން ގޮވާމުގެ ޝިޕްމަންޓުތައް ވަގަށް ގެންގޮސް، އެހެން ޤައުމުތަކަށް ވިއްކަމުންދާ ކަމުގައެވެ.

އެންމެ ގިނަ އަދަދަކަށް ދުނިޔޭގެ ބާޒާރަށް ގޮވާމުގެ ބާވަތްތައް ނެރޭ ދެ ޤައުމަކީ ރަޝިޔާއާއި ޔޫކްރެއިނެވެ. ގޮވާން އުފެއްދުމުގެ ބާޒާރުގެ 29 އިންސައްތަ ހިއްސާ ކުރަނީ މި ދެ ޤައުމުންނެވެ. ރަޝިޔާއިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން ޔޫކްރެއިނުން ގޮވާން އެކްސްޕޯޓް ކުރުމަށް ވަނީ ހުރަސް އެޅިފައެވެ.

ރަޝިޔާގެ ފައުޖުތަކުން ވަނީ ބްލެކް ސީގެ އައްސޭރި ފަށުގައި ވާ ޔޫކްރެއިންގެ ހުރިހާ ބަނދަރުތަކެއް ބަންދުކޮށްފައެވެ. މި ކަމާ ގުޅިގެން، ދުނިޔޭގެ ބައެއް ސަރަޙައްދުތައް ކާބޯތަކެއްޗަށް ޖެހިދާނެ ކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި، މިއީ ރަޝިޔާއިން ގަސްދުގައި ހިންގަމުންދާ އަމަލެއް ކަމަށް ހުޅަނގުގެ ޤައުމުތަކުން ތުހުމަތު ކުރެއެވެ. ނަމަވެސް، ރަޝިޔާއިން މި ތުހުމަތުތައް ދޮގު ކުރެއެވެ.

ރަޝިޔާއިން މި ފަދަ އަމަލުތަކެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް، އެމެރިކާއިން ވެސް ވަނީ އެހެން ޤައުމުތަކުގެ ސަމާލުކަމަށް މި ކަން ގެނެސްފައެވެ. ރަޝިޔާއިން ވިއްކާ ގޮވާމުގެ ޝިޕްމަންޓްތަކާ މެދު ސަމާލުވުމަށް އެމެރިކާއިން ވަނީ 14 ޤައުމަކަށް ގޮވައިލާފައެވެ. މީގެ ތެރޭގައި ގިނައީ އެފްރިކާ ބައްރުގެ ޤައުމުތަކެވެ.