ދުނިޔެ

ތައިލެންޑުން ފަތުރުވެރިންނަށް އިތުރު ލުއިތަކެއް


ތައިލެންޑަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް، ދަތުރު ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ފޯމުތައް ހުށަހެޅުން ނިމުމަކަށް ގެނެސް އިތުރު ލުއިތަކެއް ދީފިއެވެ.

ތައިލެންޑަށް އެތެރެވުމުގެ ކުރިން ނަގަންޖެހޭ ހުއްދައެއް ކަމުގައިވާ "ތައިލެންޑް ޕާސް" ބޭނުން ކުރުން އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހުއްޓައިލާނެއެވެ.

ތައިލެންޑަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަޤުބޫލު މަންޒިލެކެވެ. 2019 ވަނަ އަހަރު އެ ޤައުމަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 40 މިލިޔަނަށް އަރައެވެ. ނަމަވެސް، މިދިޔަ އަހަރު އެ ޤައުމަށް އެތެރެވެފައި ވަނީ އޭގެ އެންމެ އެކެއް އިންސައްތަ ފަތުރުވެރިންނެވެ.

"ތައިލެންޑް ޕާސް" އާ ގުޅިގެން އެ ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުން ބުނެއެވެ.

"ތައިލެންޑް ޕާސް" ހުށަހެޅުން ލާޒިމު ކުރުން ހުއްޓައިލާއިރު، މާސްކު އެޅުމާ ގުޅޭ ސިޔާސަތަށް ވެސް އަންނަ މަހުން ފެށިގެން ބަދަލު ގެންނާނެއެވެ. އަދި، ޖުލައި 1 ގެ ފަހުން މާސްކު އެޅުމަކީ މަޖުބޫރު ކަމަކަށް ނުވާނެއެވެ. ކޮވިޑް ބަލީގައި ތައިލެންޑުގައި މަރުވި މީހުންގެ އަދަދު 30,000 އަށްވުރެ މައްޗަށް އަރައެވެ. އެ ޤައުމުގެ އާބާދީގެ 80 އިންސައްތަ މީހުން ވަނީ ވެކްސިން ޖަހާފައެވެ.