ދުނިޔެ

އޮމިކްރޯންގެ އަސަރު ދިގު މުއްދަތަކަށް ދެމިގެން ނުދޭ: ދިރާސާ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދިޔަ ކޮވިޑް-19 ބަލީގެ ވޭރިއެންޓެއް ކަމުގައިވާ "އޮމިކްރޯން" ޖެހިފައިވާ މީހުންނަށް "ލޯންގް ކޮވިޑް" ނުވަތަ ދިގު މުއްދަތަކަށް ބަލީގެ އަލާމާތްތަކާއި އަސަރުތައް ތަހައްމުލު ކުރަން ޖެހުމުގެ ފުރުޞަތު ކުޑަ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާ ހަދާފައި ވަނީ އިނގިރޭސި ވިލާތުގެ ކިންގްސް ކޮލެޖް ލަންޑަނުންނެވެ. މި ދިރާސާއިން އެނގުނީ، އޮމިކްރޯން ވޭރިއަންޓް ޖެހޭ މީހުންނަށް ލޯންގް ކޮވިޑް ޖެހުމުގެ ފުރުޞަތު 20 އާއި 50 އިންސައްތައަށް ދަށްވާ ކަމެވެ. މި ދިރާސާ ހެދުމުގައި އަޅައި ކިޔާފައި ވަނީ ކޮވިޑްގެ އެންމެ ނުރައްކާތެރި އެއް ވޭރިއަންޓް ކަމުގައިވާ "ޑެލްޓާ" ޖެހިފައިވާ މީހުންގެ ޞިއްޙީ މަޢުލޫމާތާއެވެ.

ލޯންގް ކޮވިޑްއާ ގުޅިގެން ބަލީގެ އަސަރުތައް ބައެއް ފަހަރު ހަފުތާތަކަށް އަދި އެތައް މަހަކަށް ވެސް ދެމިގެންދެއެވެ. މީގެ ތެރޭގައި ނޭވާ ކުރުވުމާއި ވަރުބަލިވުމާއި ސިކުންޑިއަށް ބުރަވުން ފަދަ އުދަނގޫތައް ހިމެނެއެވެ. އޮމިކްރޯންއާ ގުޅިގެން ލޯންގް ކޮވިޑްގެ އަސަރުތަކުގެ ފުރުޞަތު ކުޑަ ނަމަވެސް، އެ ވޭރިއެންޓަކީ ވަރަށް ހަލުވިކަމާ އެކު ފެތުރެމުން ދިޔަ ބައްޔެކެވެ.

އިނގިރޭސި ވިލާތަށް ބަލައިލާއިރު، ލޯންގް ކޮވިޑްގެ އަސަރުތައް ތަހައްމުލު ކުރަމުންދާ މީހުންގެ އަދަދު 438,000 އަށް އަރައެވެ. އޭގެ ތެރެއިން އޮމިކްރޯން ޖެހުމުގެ ސަބަބުން ލޯންގް ކޮވިޑް ކުރިމަތިވި މީހުންގެ ނިސްބަތަކީ 24 އިންސައްތައެވެ.