ދުނިޔެ

އިސްރާޢީލުން އަނެއްކާވެސް ބަޑި ޖަހާ ފަލަސްތީނު ބަޔަކު ޝަހީދުކޮށްލައިފި


ހުޅަނގު އައްސޭރީގެ ޖެނިންގައި އިސްރާޢީލު ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައި ފަލަސްތީނުގެ އިތުރު ތިން މީހަކު ޝަހީދުކޮށްލައިފިއެވެ. ޖެނިންގެ ރެފިޔުޖީ ކޭމްޕެއްގައި ދިން މި ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު އަށް މީހަކު ވަނީ ޒަޚަމްކޮށްލާފައެވެ.

އިސްރާޢީލުގެ އަސްކަރިއްޔާއިން ބުނީ، އެ ތިން މީހުން ޝަހީދުކޮށްލީ، ޖެނިންގައި ހިންގަމުން ދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުން ދިޔަ ސިފައިންތަކަކާ އަމާޒުކޮށް ހަމަލާ ދިނުމުން ކަމުގައެވެ.

މަންޒަރު ފެނުނު މީހުން ބުނީ، ފަލަސްތީނުގެ ތިން މީހުން ޝަހީދުކޮށްލާފައި ވަނީ ކާރެއްގެ ތެރޭގައި އެ މީހުން ތިއްބާ ކަމުގައެވެ. އެ އެ ކާރުގެ ތެރެއިން ހަތިޔާރުތަކެއް ފެނިފައިވާ ކަމަށް އިސްރާޢީލުން ބުންޏެވެ.

މި ހަމަލާތަކާ ގުޅިގެން ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާޢަތުން ވަނީ ބަދަލު ހިފާނެ ކަމަށް ބުނެފައެވެ. އަދި، ޖެނިންގައި އެ ޖަމާޢަތުން ހިންގާ ހަރަކާތްތައް އިތުރު ކުރާނެ ކަމުގެ އިންޒާރު ވެސް ދިނެވެ. އިސްރާޢީލުގެ ސިފައިން ފަލަސްތީނު ރައްޔިތުންގެ ބިންތަކަށް އަރައި ހިންގަމުންދާ އުދުވާންތައް ފާއިތުވި ތިން މަހުގެ ތެރޭގައި ވަނީ އިތުރުކޮށްފައެވެ.

އެ މުއްދަތުގެ ތެރޭގައި ޖެނިންގައި ހިންގާފައިވާ އުދުވާންތަކުގައި ފަލަސްތީނުގެ 30 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ. މި މަހުގެ ކުރީ ކޮޅު އިސްރާޢީލު ސިފައިން ހިންގި ދެ އޮޕަރޭޝަނެއްގައި ވެސް ފަލަސްތީނުގެ ދެ މީހަކު ވަނީ ޝަހީދުކޮށްލާފައެވެ.