އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ގޯލްޑަން ސްޓޭޓް ވޮރިއާސްއިން ހޯދައިފިއެވެ.
މިއީ މިމުބާރާތުގެ ޗެމްޕިއަންކަން ވޭތުވެދިޔަ އަށް އަހަރުގެ ތެރޭގައި ވޮރިއާސްއިން ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ. މުބާރާތުގެ ޗެމްޕިއަންކަން ވޮރިއާސްއިން މި ފަހަރު ހޯދީ ފައިނަލުގައި ބޮސްޓަން ސެލްޓިކްސްއާ ބައްދަލުކޮށް 4 މެޗު 2 މެޗުން ސީރީޒް ކާމިޔާބުކޮށްގެންނެވެ.
މިދެޓީމްގެ މެދުގައި ކުޅުނު ހަވަނަ މެޗް ވޮރިއާސްއިން ރަށުން ބޭރުގައި ކާމިޔާބުކުރީ 103 ޕޮއިންޓް 90 ޕޮއިންޓުންނެވެ. މިމެޗްގައި މިފަހަރުގެ ފައިނަލްގެ އެހެން މެޗްތަކާއި ހިލާފަށް މެޗް ފެށުނީއްސުރެ ލީޑުކޮށްފައިވަނީ ވޮރިއަރސްއެވެ. މިގޮތުން ފުރަތަމަ ކުއާޓަރ ފަސް ޕޮއިންޓްގެ ލީޑަކާއެކު ނިންމާލިއިރު، ފުރަތަމަ ހާފް ނިންމާލީ 15 ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ. މި މެޗުގެ ތިންވަނަ ކުއާޓަރގައި ސެލްޓިކްސްއިން އެޓީމްގެ ކުޅުން ރަނގަޅު ކުރި ނަމަވެސް، ވޮރިއަރސްގެ މައްޗަށް ލީޑު ނެބޭގޮތެއް ނުވިއެވެ. ނަތީޖާއަަކަށް ވެގެންދިޔައީ ފަހު ކުއާޓަރގައިވެސް ވޮރިއާސްއިން އެ ލީޑު ދަމަހައްޓައި. 13 ޕޮއިންޓްގެ ލީޑަކާއެކު މެޗް ނިންމާލުމެވެ.
މިމެޗްގައި ވޮރިއަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 34 ޕޮއިންޓް ހޯދާދީ ހަތް ރީބައުންޑް ނަގާދީ ހަތް އެސިސްޓް ދިން ސްޓެފަން ކަރީއެވެ. ވޮރިއާސްގެ މި ކާމިޔާބީއާއެކު އެ ޓީމްގެ ޕޮއިންޓް ގާޑް އަދި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ކަރީއަށް ވަނީ ބިލް ރަސެލް އެންބީއޭ ފައިނަލްސް މޯސްޓް ވެލުއަބަލް ޕްލެޔާ އެވޯޑް ލިބިފައެވެ. މިއީ މި އިނާމް އޭނާއަށް ލިިބިގެންދިޔަ ފުރަތަމަ ފަހަރެވެ. މީގެކުރިން އޭނާއަށް ލިބިފައިވަނީ ރެގިއުލާ ސީޒަންގައި ލިބޭ ކިއާ އެމްވީޕީ އެވޯޑެވެ.