ކުޅިވަރު

ތިން މެޗަށްފަހު މިސްރުގެ ކޯޗުގެ މަގާމުން ގަލާލް ވަކިކޮށްފި


ތިން މެޗަށްފަހު މިސްރުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުން އެހާބް ގަލާލް ވަކިކޮށްފިއެވެ.

އުމުރުން 54 އަހަރުގެ ގަލާލް މި މަގާމާއި ހަވާލުވެފައިވަނީ މި އަހަރުގެ ފީފާޤ ވޯލްޑް ކަޕަށް މިސްރު ކޮލިފައިނުވުމުން، އެ މަގާމުގައި އޭރު ހުރި ޕޯޗުގަލުގެ ކާލޯސް ކުއިރޯޒް ވަކިކުރުމަށްފަހުއެވެ.

އެކަމަކު ގަލާލް މަގާމުން ވަކިކޮށްފައިވަނީ 2023 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި އިތިއޮޕިއާ އަތުން ހައިރާން ކުރުވަނިވި ގޮތަކަށް 2-0 ގެ ނަތީޖާއަކުން މިސްރު ބަލިވުމާއި، ދެކުނު ކޮރެއާ އާއެކު ކުޅުނު އެކުވެރިކަމުގެ މެޗުން 4-0 ގެ ނަތީޖާއަކުން ބަލިވުމުންނެވެ.

މިސްރުގެ ފުޓްބޯލް އެސޯސިއޭޝަނުން ހާމަކުރިގޮތުގައި އެ ފަރާތުން މިހާރު އަންނަނީ އެ މަގާމާ ހަވާލުވާނެ ބޭރުގެ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި ފަހަރު ޓެކްނިކަލް ޑިރެކްޓަރެއް އައްޔަންކުރާނެކަންވެސް ވަނީ ހާމަކޮށްފައެވެ.

ގަލާލް މިސްރުގެ ކޯޗުކަމުގެ މަގާމަށް ގެނެސްފައިވަނީ އެ ގައުމުގެ ކުލަބުތަކާއެކު ރަނގަޅު ނަތީޖާތަކެއް ހޯދަމުން ދިއުމާއެކުއެވެ. އަދި ފުރަތަމަ މެޗުގައި އޭނާ ވަނީ ގިނީ އަތުން 1-0 ގެ ނަތީޖާއަކުން މިސްރު މޮޅުކޮށްދީފައެވެ.