ކުޅިވަރު

ވެސްޓާން އޭޝިއާ ޗެސް ފެސްޓިވަލް އުކުޅަހުގައި ފަށައިފި


ރާއްޖޭގައި ބާއްވާ ރާޒުވާގެ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތް ކަމަށްވާ "ވެސްޓާން އޭޝިއާ ޗެސް ފެސްޓިވަލް 2022" އއ. އުކުޅަހުގައި ފަށައިފިއެވެ.

އއ. އުކުޅަހުގެ ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދާ މި މުބާރާތް ބުރާސްފަތި ދުވަހު ހުޅުވައިދެއްވީ މޯލްޑިވްސް ޗެސް އެސޯސިއޭޝަނުގެ ރައީސް ހުސައިން ޝިޔާނެވެ. މީގެ އިތުރުން ސްރީ ލަންކާ ޗެސް ފެޑެރޭޝަންގެ ރައީސާއި، ކިރިގިސްތާނުގެ ޗެސް އެސޯސިއޭޝަނުގެ އެގްޒެކެޓިވް ޑިރެކްޓަރާއި، އުޒްބެކިސްތާން ޗެސް ފެޑެރޭޝަނުގެ ނައިބު ރައީސް އަދި ބަންގްލަދޭޝްގެ ޗެސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

މި މުބާރާތުގައި ކުޅެވިގެންދާނީ ރެޕިޑް ރައުންޑާއި ސްޓޭންޑާޑް ރައުންޑް އަދި ބީޗް ބިލިޓްޒް ކެޓަގަރީގެ މެޗުތަކެވެ. މި މުބާރާތުގައި ދުނިޔޭގެ ނުވަ ގައުމަކުން 8 އަހަރާ 18 އަހަރާ ދެމެދުގެ 180 އަށްވުރެ ގިނަ ރާޒުވާ ކުޅުންތެރިން ވާދަކުރާނެއެވެ. މި މުބާރާތުގައި މާލެއިން 30 ކުއްޖަކު ބައިވެރިވާއިރު، އުކުޅަހުންވެސް ރާޒުވާ ކުޅޭ 30 ދިވެހި ކުޅުންތެރިން ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް އުކުޅަހުގައި ކުރިއަށް ދާނީ މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވެސްޓާން އޭޝިއާ ޗެސް ފެސްޓިވަލް ރާއްޖޭގައި ބާއްވާއިރު، މި އަހަރަކީ ރާއްޖޭގައި ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއް ބޭއްވުމަށް ނިންމާފައިވާ އަހަރެކެވެ. އެގޮތުން މި އަހަރު ވަނީ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް މުބާރާތް ރާއްޖޭގައި ކާމިޔާބުކަމާއެކު ނިންމާލައިފައެވެ. މީގެ އިތުރުން އަންނަ މަހު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕް ކ. މާފުށީގައި ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، ބޮޑީބޯޑިންގެ ބައިނަލްއަގުވާމީ މުބާރާތެއް މިއަހަރު ރާއްޖޭގައި ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.