ދުނިޔެ

އޮމާންގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް


އޮމާންގެ ރަސްގެފާނު ހައިތަމް ބިން ތާރިޤު އަލްސަޢީދު، އެ ޤައުމުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފިއެވެ. މި ގޮތުން، އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، ތެލާ ބެހޭ ވަޒީރު މުޙައްމަދު ބިން ޙަމަދް އަލްރުމްޙީ އެ މަޤާމުން ވަކި ކުރެއްވުމެވެ.

ގަލްފުގެ ޢަރަބި ޤައުމުތަކަށް ބަލައިލާއިރު، ތެލާ ބެހޭ ވަޒީރު ކަމުގެ މަޤާމު އެންމެ ގިނަ ދުވަހު ފުރުއްވާފައިވާ އެއް ބޭފުޅަކީ ރުމްޙީއެވެ. އޭނާ އެ މަޤާމު ފުރުއްވާތާ 20 އަށްވުރެ ގިނަ އަހަރު ވެއްޖެއެވެ.

އޭނާގެ ބަދަލުގައި ތެލާ ބެހޭ ވަޒީރުގެ މަޤާމަށް ޢައްޔަނު ކުރައްވާފައި ވަނީ ސަލީމް އަލްއަޢުފީއެވެ. އޭނާ ކުރިން ހުންނެވީ ތެލާ ބެހޭ ވުޒާރާގެ އަންޑަރސެކްރެޓަރީގެ މަޤާމުގައެވެ. އޮމާން އަކީ ތެޔޮ އުފައްދާ ޤައުމުތަކުގެ ޖަމުޢިއްޔާ (އޯޕެކް) ގެ ފުރިހަމަ މެންބަރެއް ނޫން ނަމަވެސް، އެ ޤައުމަކީ އެ ޖަމުޢިއްޔާއާ އެކު ގާތް ގުޅުމެއް ބާއްވަމުން ގެންދާ ޤައުމެކެވެ.