ދުނިޔެ

ރަޝިޔާގެ ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ ސަފީރާ ދެކޮޅަށް ވެސް ދަތިކުރުމުގެ ފިޔަވަޅު


ރަޝިޔާއިން ޔޫކްރެއިންގެ ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަންނަމުންދާ ކަމަށް ތުހުމަތުކޮށް، ރަޝިޔާގެ ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ ސަފީރު މަރީއާ ލްވޯވާ-ބެލޯވާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އިނގިރޭސި ވިލާތުން ނިންމައިފިއެވެ. އޭނާއާ ދެކޮޅަށް އިނގިރޭސި ވިލާތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމާފައި ވަނީ، ޔޫކްރެއިންގެ ކުޑަކުދިންނާ މެދު އަމަލު ކުރަމުންދާ ލާއިންސާނީ ގޮތްތަކާއި ގުޅިގެން ކަމުގައި އިނގިރޭސި ޚާރިޖިއްޔާއިން ބުންޏެވެ.

ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާ ސިފައިން ހިފަމުންދާ ރަށްތަކުގެ ކުޑަކުދިން، އެ ކުދިންގެ ޢާއިލާތަކާ ވަކި ކުރަމުންދާ ކަމަށާއި، ގަދަބާރުން އެހެން ޢާއިލާތަކާ ހަވާލު ކުރަމުންދާ ކަމަށް އިނގިރޭސި ވިލާތުން ތުހުމަތު ކުރެއެވެ. މީގެ އިތުރުން، ޔޫކްރެއިންގެ އަންހެނުންތަކެއްގެ އިއްފަތްތެރި ކަން ފޭރިގަނެ، ލާއިންސާނީ އަމަލުތައް ހިންގާފައިވާ ކަމަށް އިނގިރޭސި ވިލާތުން ތުހުމަތު ކުރާ ރަޝިޔާގެ އަސްކަރިއްޔާގެ ހަތަރު އޮފިސަރަކާ ދެކޮޅަށް ވެސް މި ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ ގާތް ގުޅުންތައް ބާއްވާ އިތުރު ފަރާތްތަކަކާއި، އަސްކަރިއްޔާގެ ބައެއް ކޮމާންޑަރުންނަށް ވެސް އިނގިރޭސި ވިލާތުގެ ދަތިކުރުމުގެ ފިޔަވަޅުތައް މި ވަނީ އަމާޒުކޮށްފައެވެ.