ދުނިޔެ

ލަންކާގެ ތެލުގެ ސްޓޮކް ހުރީ އެންމެ ފަސް ދުވަހަށް ވާ ވަރަށް


ސްރީލަންކާއިން ވަރަށް އަވަހަށް ތެޔޮ ހުސްވެދާނެ ކަމަށް އެ ޤައުމުގެ ހަކަތައާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ. އިތުރަށް ތެޔޮ ގަތުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެ ޤައުމުން ދަނީ މަސައްކަތް ކުރަމުންނެވެ.

ސްރީލަންކާގެ އިޤްތިޞާދު ވަނީ ފުން ވަޅުގަނޑަކަށް ވެއްޓިފައެވެ. ކާބޯތަކެއްޗާއި ތެލާއި އެހެނިހެން ޒަރޫރީ ސާމާނު ދަނީ ހުސްވަމުންނެވެ. ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑުން ވަނީ ޢާންމު ވެފައެވެ. ބޭރު ފައިސާގެ ރިޒާވް ދަށްވެ، އެ ޤައުމުގެ ތެލުގެ ސްޓޮކް ވެސް މިހާރު މި ވަނީ ހުސްވުމާ ގާތްވެފައެވެ. ތެލުގެ ސްޓޮކް އެންމެ ފަސް ދުވަހު ބޭނުން ކުރެވޭ މިންވަރަށް ދަށްވެފައިވާ ކަމަށް ހަކަތައާ ބެހޭ ވަޒީރު ވިދާޅުވިއެވެ. މި ކަމަށް އަވަސް ހައްލެއް ހޯދުމަށް، އިންޑިއާއިން 500 މިލިޔަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ހޯދުމަށް އެ ޤައުމުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެއްގަމު އުޅަނދުފަހަރަށް ތެޔޮ ހޯދުމަށް، ޕެޓްރޯލް ޝެޑުތައް ކައިރީގައި ދިގު ކިޔޫތައް ދަމައިލާފައި ވާއިރު، ގިނަ އަދަދެއްގެ ބަޔަކު ދަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔަމުންނެވެ. ބައެއް ސަރަޙައްދުތަކުގައި އަދިވެސް ދަނީ މުޒާހަރާ ކުރަމުންނެވެ. މިދިޔަ މޭ މަހުގެ ތެރޭގައި އެ ޤައުމުގެ ތެލުގެ ސްޓޮކް އެންމެ ދުވަހަކު ބޭނުން ކުރެވޭ މިންވަރަށް ދަށަށް ދިޔަ ކަމަށް ވެސް އެ ޤައުމުގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ހަކަތައާ ބެހޭ ވަޒީރު ކަންޗަނަ ވިޖެސެކެރާ ވިދާޅުވީ، ތެޔޮ ގަތުމަށް ކްރެޑިޓް ލައިންގެ ގޮތުގައި ނަގާފައިވާ 725 މިލިޔަން އެމެރިކާ ޑޮލަރު ދެއްކުމަށް އެ ޤައުމު ނުކުޅެދިފައިވާ ކަމުގައެވެ. އަދި، މިކަމާ ގުޅިގެން އިތުރަށް ފައިސާ ހޯދުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. ނަމަވެސް، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ތެލުގެ އިތުރު ޝިޕްމަންޓެއް އެ ޤައުމަށް ލިބޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ތެޔޮ ގަތުމަށް ފައިސާ ހޯދުމުގެ ގޮތުން އިންޑިއާގެ އެގްޒިމް ބޭންކުން ކްރެޑިޓް ލައިނެއް ގެނުމަށް ސްރީލަންކާގެ ސަރުކާރުން މަސައްކަތް ކުރަމުންދާ އިރު، މީގެ ކުރިން ވެސް އިންޑިއާއިން ވަނީ ސްރީލަންކާއަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ގޮތުން، އެހީގެ ގޮތުގައި 3 ބިލިޔަން ޑޮލަރު ފޯރުކޮށްދީފައިވާ އިރު، އެއް ބިލިޔަން ޑޮލަރުގެ ކްރެޑިޓް ލައިނަކާއި، 300 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ވެސް ދެ ޤައުމުގެ ދެމެދުގައި ވަނީ ހަދާފައެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ ތެލުގެ ދަތިކަން ހައްލު ކުރުމަށް އެ ޤައުމުން ދަނީ ރަޝިޔާއާ ވެސް ވާހަކަ ދައްކަމުންނެވެ. އަދި، މާލީ ގޮތުން އެހީތެރިކަން ހޯދުމަށް އެ ޤައުމުން ދަނީ އިންޓަރނޭޝަނަލް މައިޓަރީ ފަންޑާ ވެސް މަޝްވަރާ ކުރަމުންނެވެ. އެ ޖަމުޢިއްޔާގެ ވަފުދެއް މި މަހުގެ 20 ވަނަ ދުވަހު ސްރީ ލަންކާއަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.