ޚަބަރު

މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފި


މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް އިސްލާމިކް މިނިސްޓްރީން ބަދަލު ގެނެސްފިއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިޖޫންމަހުގެ 12 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 6396.25ރ ކަމަށް ކަނޑައަޅާފައެވެ. މީގެ ކުރިން މިއަހަރުގެ މަރޗުމަހު ކަނޑައަޅާފައިވާ ނިޞާބުގެ އަދަދަކީ 7241.15ރ އެވެ.

ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެންނަމުންދެއެވެ. ރާއްޖޭގައި މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބު ބަލަނީ ރިހީގެ އަގުންނެވެ. ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

މުދަލު ޒަކާތް މީގެ ކުރިން އިސްލާމިކް މިނިސްޓްރީއަށް ދައްކަމުންއައި ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީރާއަށެވެ. އެގޮތުން މީރާއަށް އޮންލައިކޮށް ވެސް މުދަލު ޒަކާތް ދެއްކޭނެއެވެ. އަދި އެމީހަކު މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރުވެސް މީރާ ވެބްސައިޓު މެދުވެރިކޮށް ބެލޭނެއެވެ. މީރާގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 5 މަސްދުވަސްތެރޭ މުދަލުގެ ޒަކާތުގެގޮތުގައި ވަނީ 43 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 34 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު، 26 އިންސައްތަ އިތުރު އަދަދެކެވެ.