ދުނިޔެ

އެމެރިކާއިން ޔޫކްރެއިނަށް އެއް ބިލިޔަން ޑޮލަރުގެ ހަތިޔާރު ފޮނުވަނީ


ޔޫކްރެއިންގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ސިފައިންނަށް އިތުރު އެއް ބިލިޔަން ޑޮލަރުގެ ހަތިޔާރު ފޮނުވަން އެމެރިކާއިން ނިންމައިފިއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ، މި ހަތިޔާރުތަކުގެ ތެރޭގައި މަނަވަރުތަކަށް ހަމަލާދޭން ބޭނުން ކުރާ ރޮކެޓާއި. އާޓިލަރީ ރޮކެޓާއި. "ހޮވިޓްޒަރ" ބަޑީގެ އިތުރުން ވަޒަން ހިމެނޭ ކަމުގައެވެ.

ބައިޑަން މި ކަން ހާމަ ކުރައްވާފައި ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ އެކު ފޯނުން ބޭއްވެވި މަޝްވަރާ ތަކަކަށް ފަހުގައެވެ. ޔޫކްރެއިންގެ ސިފައިންނަށް ތަމްރީނު ދިނުމުގައި ވެސް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އެ ޤައުމަށް އަރައި ހަނގުރާމަ ކުރަމުންދާ ރަޝިޔާ ސިފައިންގެ ކިބައިން ޤައުމު ދިފާޢު ކުރުމަށް ބަރު ހަތިޔާރު ފޯރުކޮށްދިނުމަށް އެ ޤައުމުން މީގެ ކުރިން ވަނީ ހުޅަނގާއި އެމެރިކާއަށް ގޮވައިލާފައެވެ. ހަތިޔާރުގެ އިތުރުން ޔޫކްރެއިންގައި ހާލުގައި ޖެހިފައިވާ އެތައް މިލިޔަން ބަޔަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 225 މިލިޔަން ޑޮލަރު ދިނުމަށް އެމެރިކާއިން ވަނީ ނިންމާފައެވެ.

މިކަމާ ގުޅިގެން އ.ދ.ގައި ހުންނަވާ ރަޝިޔާގެ ސަފީރު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރަޝިޔާއާ ދެކޮޅަށް ހުޅަނގުގެ ޤައުމުތަކުން "ޕްރޮކްސީ" ހަނގުރާމައެއް ކުރަމުންދާ ކަމަށް ޤަބޫލުކުރައްވާ ކަމުގައެވެ. މޭ މަހުގެ ތެރޭގައި ވެސް އެމެރިކާއިން ވަނީ ޔޫކްރެއިން ސިފައިންނަށް ބަރުހަތިޔާރު ފޯރުކޮށްދޭން ނިންމާފައެވެ.