ދުނިޔެ

ހޯދަމުންދާ އިނގިރޭސި ނޫސްވެރިޔާ މަރައިލާފައިވާ ކަމަށް ބެލެވޭ


އެމޭޒަން ޖަންގަލި ތެރެއަށް ގެއްލުނު އިނގިރޭސި ވިލާތުގެ ނޫސްވެރިޔާ ޑޮމް ފިލިޕްސްއާއި އޭނާއަށް އެހީތެރިވަމުން ދިޔަ ބްރޫނޯ ޕެރޭރާ މަރައިލި ކަމަށް، މި ކަމާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހަކު އިޢުތިރާފު ވެއްޖެއެވެ. ޕެރޭރާއަކީ އެމޭޒަން ޖަންގަލީގައި ދިރިއުޅޭ ޖަބީލާތަކުގެ ދިރިއުޅުން ދިރާސާ ކުރާ މާހިރެކެވެ. މި ދެ މީހުން ގެއްލުމާ ގުޅިގެން ފަށާފައިވާ ތަހުޤީޤުގައި ހައްޔަރުކޮށްފައި ވަނީ އަމަރިލްޑޯ ދެކޮސްޓާ އޮލިވެއިރާ ކިޔާ މީހެކެވެ.

އޮލިވެއިރާ ދަނީ މި ތަހުޤީޤަށް އެއްބާރުލުން ދެމުންނެވެ. އޭނާ ވަނީ، ފިލިޕްސްއާއި ޕެރޭރާގެ ހަށިގަނޑު ވަޅުލާފައިވާ ކަމަށް ބުނާ ސަރަޙައްދަކަށް ފުލުހުން ގެންގޮސްފައެވެ. އަދި، އެ ސަރަޙައްދުން ބައެއްގެ ހަށިތަކެއް ވަނީ ފެނިފައެވެ. ބްރެޒިލްގެ ފުލުހުން ބުނީ، އެ ހަށިތަކަކީ ފިލިޕްސްއާއި ޕެރޭރާގެ ހަށިތައް ކަން ކަށަވަރު ކުރުމަށް އިންޓަރޕޯލްއާ ގުޅިގެން މަސައްކަތް ފަށާފައިވާ ކަމުގައެވެ.
އޮލިވެއިރާގެ އިތުރުން، މި ހާދިސާއާ ގުޅިގެން އޭނާގެ އެއްބަނޑު އެއްބަފާ މީހެއް ކަމުގައިވާ އޮސޭނީ ދެކޮސްޓާ އޮލިވެއިރާ ވެސް ވަނީ ހައްޔަރުކޮށްފައެވެ. ފިލިޕްސްއާއި ޕެރޭރާ މަރައިލި ގޮތުގެ ތަފުސީލުތައް ވެސް އަމަރިލްޑޯ އޮލިވެއިރާ ތަހުޤީޤު ޓީމަށް ކިޔައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފިލިޕްސްއާއި ޕެރޭރާ ގެއްލިފައި ވަނީ މި ހިނގާ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ. އެ ދެ މީހުން މަސައްކަތް ކުރަމުން ދިޔައީ، އެމޭޒަން ޖަންގަލީގައި ދިރިއުޅޭ ގަބީލާތަކުގެ މީހުންގެ ދިރިއުޅުމާ ގުޅޭ ގޮތުން ތަހުޤީޤު ރިޕޯޓުތަކެއް ތައްޔާރު ކުރުމަށެވެ. މި ދެ މީހުން ގެއްލިފައިވާ ކަމަށް އެންމެ ފުރަތަމަ ރިޕޯޓުކޮށްފައި ވަނީ އެ ސަރަޙައްދުގެ ގަބީލާތަކުގެ ޖަމުޢިއްޔާއެއް ކަމުގައިވާ އުނިވާހާއިންނެވެ. ފިލިޕްސްއާއި ޕެރޭރާއަކީ އިންސާނީ ޙައްޤުތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ދެ މީހުންނެވެ.