މި ފަހަރު ގޯލްޑަން ބޯއި އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ނަންތަން ހާމަކޮށްފިއެވެ.
މިދިޔަ އަހަރު މި އިނާމް ހާސިލްކޮށްފައިވަނީ ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ޕެޑްރީއެވެ.
މިފަހަރު މިއިނާމަށް އެންމެ ބޮޑަށް ވާދަކުރަމުންދަނީ ރެއާލް މެޑްރިޑްގެ އެޑުއާޑޯ ކަމަވިންގާ، ބާސެލޯނާގެ ގާވީ، ބަޔޭން މިޔުނިކްގެ ޖަމާލް މުސިއެލާ އަދި ބޮރޫޝިއާ ޑޯޓްމުންޑްއަށް ކުޅޭ ޖޫޑް ބެލިންގހަމްއެވެ. ޓޫޓޯ ސްޕޯޓްސްއިން އިންތިޒާމް ކޮށްގެން ހޮވާ މިއިނާމަށް ކުޅުންތެރިޔާ ހޮވަނީ ޓޫޓޯ ސްޕޯޓްސްގެ ވެބްސައިޓް މެދުވެރިކޮށް ނެގޭ ވޯޓާއި ޔޫރަޕްގެ އެކިޤައުމުތަކުގެ ސްޕޯޓްސް ޖަރނަލިސްޓުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.
ޓޫޓޯ ސްޕޯޓްސްއިން ވަނީ މިމަގާމަށް ވާދަކުރާ 100 ކުޅުންތެރިންގެ ލިސްޓު ރޭ އާންމުކޮށްފައެވެ. މިއިނާމް މީގެކުރިންވަނީ މިހާރު ފާހަގަ ކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް ހާސިލްކޮށްފައެވެ. މިއިނާމަކީ ކޮންމެ ސީޒަނެއްގައިވެސް އެންމެ ފާހަގަ ކޮށްލެވޭ 21 އަހަރުން ދަށުގެ ކުޅުންތެރިޔާއަށް ދެވޭ އިނާމެކެވެ.
މިފަހަރުގެ އިނާމަށް އިންގްލިޝް ޕްރިމިއަރ ލީގަށް ނިސްބަތްވާ 10 ކުޅުންތެރިންގެ ނަންވަނީ ހިމެނިފައެވެ. އޭގެ ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅޭ އަމަޑް ޑިއާލޯ އާއި އެންތަނީ އެލާންގާ، ލިވަޕޫލްގެ ހަރވީ އެލިއޮޓް އަދި ފަބިއޯ ކަވާލިއޯ، ވިލްވްސްގެ ފަބިއޯ ސިލްވަރ އަދި ކީ ޔާނާ ހޮއެވަރ، މެންޗެސްޓަރ ސިޓީގެ ޔާން ކޮއުޓޯ، ލީޑްސް ޔުނައިޓެޑްގެ ޖޮއި ގެލްހާރޑް، ބްރައިޓަންގެ ކެސްޕަރ ކޮޒްލޯވްސްކީ އަދި ޓޮޓްނަމް ހޮޓްސްޕަރގެ ޕެޕޭ މާޓާ ސާ ހިމެނެއެވެ.