ކުޅިވަރު

ހެންޑަސަން ހޯދުމުގެ މަސައްކަތް ފޮރެސްޓުން ފަށައިފި


މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލަންޑުގެ ގޯލްކީޕަރު ޑީން ހެންޑަސަން ހޯދުމުގެ މަސައްކަތް އިނގިރޭސި ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓުވި ނޮޓިންހަމް ފޮރެސްޓުން ފަށައިފިއެވެ.

މިގޮތުން ފޮރެސްޓްއިން ވަނީ ޔުނައިޓާއި އެކު މިކަމާއި ގުޅޭގޮތުން ވާހަކަތައްވެސް ފަށާފައެވެ.

އުމުރުން 25 އަހަރުގެ ހެންޑަރސަން މިނިމުނު ސީޒަންގައި ޔުނައިޓެޑަށް ކުޅެފައިވަނީ އެންމެ ތިން މެޗްގައެވެ. އަދި ޕްރިމިއަރ ލީގިގެ އެއްވެސް މެޗެއްގައި އޭނާ ކުޅެފައިނުވެއެވެ. މިދިޔަ ސީޒަންގައި ޕްރިމިއަރ ލީގުގެ ހުރިހާ މެޗެއްގައި ޔުނައިޓެޑްގެ ގޯލް ބަލަހައްޓަފައިވަނީ ޑެވިޑް ޑި ގެއާއެވެ. އަދި ޔުނައިޓެޑްގެ ކޯޗް ކަމާއި އަލަށް ހަވާލުވި އެރިކް ޓެން ހާގްގެ ޕްލޭންގައިވެސް ހެންޑަރސަން ހިމެނޭނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

އެހެންކަމުން ކުރިއަށް އޮތް ވާރލްޑް ކަޕްގައި އިންގްލަންޑް ޓީމުން ޖާގަހީދަން ބޭނުންނަމަ އޭނާ ގަވައިދުން ކުޅެވޭ ކްލަބަކަށް ބަދަލުވާން އޭެނާ ބޭނުންވެއެވެ. އޭނާ މިހާތަނަށް އިންގްލަންޑަށް އެންމެ މެޗެއް ކުޅެފައިވީ ނަމަވެސް ޔޫރޯ 2020 އާއި ހަމައަށް އޭނާއަކީ ގަވައިދުން ސްކޮޑްގައި ހިމެނެމުން އައި ކުޅުންތެރިއެކެވެ. ނަމަވެސް އޭގެ ފަހުން ހެންޑަރސަންއަށް ވީ އަނިޔާއަށް ފަހު އެފުރުސަތު ވަނީ ފަހަކަށް އައިސް ގެއްލިފައެވެ.

ފޮރެސްޓްއިން ހެންޑަރސަން ހޯދުމަށް މަސައްކަތް ކުރަމުންދަނީ އެކްލަބްގެ މިހާރުގެ ކީޕަރ ބްރައިސް ސަމްބާގެ އެއްބަސްވުން މިއަންނަ ސީޒަނާއެކު ހަމަވާއިރު އެއެއްބަސްވުން އާކުރަން އޭނާގެ ޝައުގުވެރިކަމެއް ނެތުމުންނެވެ.