ދުނިޔެ

ސިއެވެރޮދޮނެޓްސްކްގެ ސިފައިންނަށް ރަޝިޔާއަށް އަމާނެއް ނުދިން


ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައިގައި، އެ ޤައުމުގެ ލުހާންސްކް ޕްރޮވިންސުގައި މިހާރު އަތްގަދަ ނުކުރެވި އޮތް ހަމައެކަނި ސަރަޙައްދަކީ ސިއެވެރޮދޮނެޓްސްކްއެވެ. އެ ރަށް ހިފުމަށް ރަޝިޔާ ސިފައިން ވަރުގަދަ ހަމަލާތަކެއް ދެމުން ދިޔަ ނަމަވެސް، އެ ރަށް ދިފާޢު ކުރުމަށް ޔޫކްރެއިންގެ ސިފައިން ދަނީ ގަދައަޅައި މަސައްކަތް ކުރަމުންނެވެ.
-
ޔޫކްރެއިންގެ ލުހާންސް ޕްރޮވިންސުގައި ރަޝިޔާ ސިފައިންނަށް އަތްގަދަ ނުކުރެވި އޮތް އެއް ސަރަޙައްދަކީ ސިއެވެރޮދޮނެޓްސްކްއެވެ. އެ ރަށް ހިފުމަށް ރަޝިޔާގެ ސިފައިން ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެ ރަށަށް ވަދެވެން އޮންނަ ތިން ބުރިޖު ވެސް މިހާރު ވަނީ ސުންނާފަތި ކޮށްލާފައެވެ. ރަޝިޔާގެ ނުރައްކާތެރި ހަމަލާތަކުގައި ޔޫކްރެއިން ސިފައިން ފަހަށް ޖައްސަމުން ގޮސް، މިހާރު ޔޫކްރެއިން ސިފައިން ތިބީ ކެމިކަލް ކާރުޚާނާއެއް ހުންނަ ސަރަޙައްދެއްގައި ބަންދުވެފައެވެ. އަދި، ރަޝިޔާ ސިފައިން ވަނީ އެ ސަރަޙައްދު ވަށައިލާފައެވެ.

"އަޒޮޓް" ގެ ނަން ކިޔާ މި ކެމިކަލް ކާރުޚާނާގައި ބަންދުވެފައިވާ ސިފައިންނަށް އަމާންދިނުމަށް އަދި ހަތިޔާރު ބެހެއްޓުމަށް ރަޝިޔާ ސިފައިން ދިން މުހުލަތު މިއަދު މި ވަނީ ހަމަވެފައެވެ. ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި ސިއެވެރޮދޮނެޓްސްކް މުޅީން ސުންނާފަތިކޮށްލާފައިވާ އިރު، އަޒޮޓް ކެމިކަލް ކާރުޚާނާ ދިފާޢު ކުރުމަށް ޔޫކްރެއިން ސިފައިން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

އެ ކާރުޚާނާގައި ގިނަ އަދަދެއްގެ ސިފައިންގެ އިތުރުން ޢާންމުންގެ 500 އެއްހާ މީހުން ވެސް ތިބި ކަމަށް ޔޫކްރެއިނުން ބުނެއެވެ. ރަޝިޔާގެ ނޭޝަނަލް ޑިފެންސް މެނޭޖްމަންޓް ސެންޓަރުގެ އިސްވެރިޔާ މިޚާއީލް މިޒިންޓްސެފް ވިދާޅުވީ، އަޒޮޓް ކާރުޚާނާގައި ބަންދުވެފައިވާ ޢާންމުންނަށް ރައްކާތެރި ކަމާއެކު އެ ސަރަޙައްދު ދޫކޮށް ދިއުމުގެ ފުރުޞަތު ދޭނެ ކަމުގައެވެ. ނަމަވެސް، ރަޝިޔާއިން އެ ގޮތަށް އަމަލުކުރާނެ ކަމާމެދު ޝައްކެވެ.ސަބަބަކީ، މަރިއުޕޯލް ހިފުމަށް ރަޝިޔާ ސިފައިން ދިން ހަމަލާތަކުގައި އެ ރަށުގެ އަޒޮވްސްޓާލް ކާރުޚާނާގައި ރައްކާތެރިކަން ހޯދަމުންދިޔަ ޢާންމުންނާ މެދު ރަޝިޔާއިން އަމަލުކޮށްފައިވާ ގޮތެވެ. އެ ތަނުގައި ތިބި ޢާންމުންނަށް ވެސް ރައްކާތެރި ކަމާއެކު އެ ސަރަޙައްދުން ދިޔުމުގެ ފުރުޞަތު ދޭނެ ކަމަށް ކުރިން ރަޝިޔާއިން ބުންޏެވެ. ނަމަވެސް ރަޝިޔާ ސިފައިން ވަނީ، އެ ތަނުގައި ތިބި ޢާންމުންނާއި އަމާންދީފައިވާ ޔޫކްރެއިން ސިފައިންގެ މީހުން ހައްޔަރުކޮށްފައެވެ.

ސިއެވެރޮދޮނެޓްސްކްއަކީ 100,000 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެ ރަށުގެ ޢާންމުން ސަލާމަތް ކުރުމަށް ޔޫކްރެއިނުން އަދި ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ސިއެވެރޮދޮނެޓްސްކްގައި ހިނގަމުންދާ ހަނގުރަމާއާ ގުޅޭ ގޮތުން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ، އެ ރަށް ދިފާޢު ކުރުމަށް އޭނާގެ ސިފައިން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހަނގުރާމަ ކުރަމުން ދާނެ ކަމުގައެވެ.

ރަޝިޔާގެ ހަމަލާތަކުގައި ދުވާލެއްގެ މައްޗަށް 100 އާއި 200 އާ ދެމެދުގެ އަދަދަކަށް ޔޫކްރެއިން ސިފައިން މަރުވާ ކަމަށް އެ ޤައުމުން ބުނެއެވެ. މި ހަނގުރާމައިގައި ގިނަ އަދަދެއްގެ ރަޝިޔާ ސިފައިން ވެސް މަރުވަމުންދާއިރު، އެ އަދަދުތައް ހާމަ ކުރުމަށް އެ ޤައުމުން ދަނީ ފަސްޖެހެމުންނެވެ.