ދުނިޔެ

ހޮންގް ކޮންގުގައި ދުވާލަކު ކޮވިޑް ޖެހޭ އަދަދު 1000 މައްޗަށް


ހޮންގް ކޮންގުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެ، މިއަދު 1,000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެއްޖެއެވެ. މިއީ ފާއިތުވި ދެ މަސް ދުވަހަށް ބަލާއިރު، ރެކޯޑު އަދަދެކެވެ. ހޮންގް ކޮންގުގައި ކޮވިޑް ޖެހިގެން މިއަދު ރިޕޯޓު ކޮށްފައިވާ 971 މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި، އެ މީހުންގެ ޢާއިލާތަކުގެ އެހެން މެންބަރުން ހިމެނޭ ކަމުގައި އެ ސިޓީގެ ޑިޕާޓްމަންޓް އޮފް ހެލްތުން ބުންޏެވެ.

މިއަދު ރިޕޯޓު ކޮށްފައިވާ އަދަދުގެ ތެރެއިން ދެން ކޮވިޑް ޖެހިފައި ވަނީ ހޮންގކޮންގަށް މިއަދު އެތެރެވި 76 މީހެކެވެ. މިހާ ހަލުވިކަމާ އެކު ކޮވިޑު ފެތުރެން ފެށުމާ އެކު އެ ސިޓީގައި ވަނީ ރައްކާތެރި ކަމުގެ ފިޔަޅުތައް ވަރުގަދަކޮށްފައެވެ. މި ގޮތުން، ކޮވިޑް ޖެހޭ މީހުންގެ ތެރެއިން ވަކީން އެކަހެރިވުމަށް ނުކުޅެދޭ މީހުން ސަރުކާރުން ހިންގާ އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިޔުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މި އަހަރު ފެށުނު ފަހުން ހޮންގް ކޮންގުގައި ކޮވިޑް-19ގެ ކޭސްތަކުގެ އަދަދު ވަނީ މަތިވާން ފަށާފައެވެ. ނަމަވެސް، މިއީ އައު ވޭރިއަންޓަކާ ގުޅިގެން އިތުރު ވަމުންދާ އަދަދުތަކެއް ނޫން ކަމަށް އެ ސިޓީގެ ޑިޕާޓްމަންޓް އޮފް ހެލްތުން ބުނެއެވެ. ކޭސްތަކުގެ އަދަދު އިތުރުވުމާ އެކު، މި ބަލީގައި ޞިއްޙީ ހާލަތު ގޯސްވާ މީހުންނާއި، މަރުވާ މީހުންގެ އަދަދު ވެސް މި ވަނީ އިތުރުވާން ފަށާފައެވެ.