ދުނިޔެ

ރަޝިޔާގެ ބޯޓުދެލި ގަތުން ވިލާތުން ހުއްޓާލަނީ


އަންނަ އޮގަސްޓު މަހުގެ ތެރޭގައި ރަޝިޔާއިން ބޯޓުދެލިގަތުން ވިލާތުގެ ޤައުމުތަކުން ހުއްޓައިލަން ނިންމައިފިއެވެ. މިއީ، ފެބުރުއަރީ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން އެ ޤައުމާ ދެކޮޅަށް ވިލާތުގެ އިއްތިހާދުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އޮގަސްޓު މަހުގެ ދެވަނަ ހަފުތާއިން ފެށިގެން މި ފިޔަވަޅަށް އަމަލުކުރަން ފަށާއިރު، ވިލާތުގެ ޤައުމުތަކުން ދަނީ ބޯޓުދެލި އެކްސްޕޯޓު ކުރާ އެހެން މާކެޓުތައް ބަލަމުންނެވެ.

ދެކުނު އެފްރިކާއަކީ ބޯޓުދެލި އެކްސްޕޯޓް ކުރާ ޤައުމެކެވެ. ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އެ ޤައުމުން ބޯޓުދެލި އެކްސްޕޯޓު ކުރާ މިންވަރު މި ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ދެކުނު އެފްރިކާއިން ވިލާތުގެ ޤައުމުތަކަށް މި އަހަރުގެ މިހައިތަނަށް އެކްސްޕޯޓު ކޮށްފައިވާ ބޯޓުދެލީގެ މިންވަރު، 2021 ވަނަ އަހަރާ އަލައިބަލާއިރު މި ވަނީ 40 އިންސައްތަ އިތުރުވެފައެވެ.

ދެކުނު އެފްރިކާގެ ކުންފުންޏެއް ކަމުގައިވާ ރިޗަރޑްސް ބޭ ކޯލް ޓަރމިނަލް (އާރް.ބީ.ސީ.ޓީ) މި އަހަރުގެ މޭ މަހުގެ ނިޔަލަށް 3.2 މިލިޔަން ޓަނުގެ ބޯޓުދެލި ވިލާތުގެ ޤައުމުތަކަށް ފޯރުކޮށްދީފައިވެއެވެ. އެއީ، އެ ކުންފުނީގެ އެކްސްޕޯޓުގެ 15 އިންސައްތައެވެ. އެ ކުންފުނިން ބޯޓުދެލި ފޯރުކޮށްދީފައިވާ ބައެއް ޤައުމުތަކުގެ ތެރޭގައި ނެދަލެންޑްސް، އިޓަލީވިލާތް، ފަރަންސޭސިވިލާތް، ސްޕެއިން، ޑެންމާކް، ޕޮލެންޑް އަދި ޖަރުމަނުވިލާތުގެ އިތުރުން ޔޫކްރެއިން ވެސް ހިމެނެއެވެ.

ވިލާތުގެ ޤައުމުތަކުގެ އިތުރުން ޖަޕާނުން ވެސް ވަނީ އެ ކުންފުނިން ބޯޓުދެލި ގަނެފައެވެ. 2021 ވަނަ އެ ކުންފުނިން އެންމެ ގިނަ އަދަދަކަށް ބޯޓުދެލި ގަނެފައި ވަނީ ޗައިނާއިންނެވެ. ނަމަވެސް، މި އަހަރު ޗައިނާއިން އެ ކުންފުނީގެ ބޯޓުދެލި ގަނެފައެއް ނުވެއެވެ. އަދި، އެ ޤައުމުން މިހާރު ބޯޓުދެލި ހޯދަމުން ދަނީ ރަޝިޔާއިންނެވެ.