ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭ ގްރޫޕް ތިނެއްގައި އިޓަލީއާ ދެކޮޅަށް ކުޅުނު މެޗު ޖަރުމަނުން ކާމިޔާބުކޮށްފިއެވެ.
ޖަރުމަނުގައި ކުޅުނު މި މެޗް އެޓީމް ކާމިޔާބުކުރީ 5-2 ގެނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރިކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޖަރުމަނުންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 10 ވަނަ މިނެޓްގައި ޖަހާދިނީ ޖޯޝުއާ ކިމިޗްއެވެ. އަދި ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖަރުމަނުގެ ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އިލްކާއި ގުންޑަގާންއެވެ.
މިމެޗްގައި ޖަރުމަނުން ޖެހި ތިންވަނަ ލަނޑު މެޗްގެ 51 ވަނަ މިނެޓްގައި ޖަހާދިނީ ތޯމަސް މުލަރއެވެ. އަދި އެޓީމްގެ ފަހު ދެލަނޑު މެޗްގެ 68 ވަނަ މިނެޓާއި 69 ވަނަ މިނެޓްގައި ޖަހާދިނީ ޓީމޯ ވަރނަރއެވެ. މިމެޗްގައި އިޓަލީގެ ފުރަތަމަ ލަނޑު މެޗްގެ 78 ވަނަ މިނެޓްގައި ޖަހާދިނީ ވިލްފްރެޑް ގްރޮންޓޯއެވެ. އަދި ދެވަނަ ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާދިނީ އެލެގްޒެންޑަރ ބަސްޓޯނީއެވެ.
މިއީ 1957 އަހަރަށްފަހު ޖަރުމަނުވިލާތުން އިޓަލީވިލާތު ކޮޅަށް ފަސްލަނޑު ޖެހި ފުރަތަމަ ފަހަރެވެ. މިކާމިޔާބީއާއެކު ޖަރުމަނުވިލާތުންވަނީ ކުޅުނު ހަތަރު މެޗުން ލިބުނު 6 ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލާފަައެވެ. އަދި އިޓަލީވިލާތްވަނީ 5 ޕޮއިންޓާއެކު ތިންވަނައަށް ވެއްޓިފައެވެ.