ދުނިޔެ

އިނގިރޭސި ނޫސްވެރިންތަކެއް ރަޝިޔާއަށް އެރުން މަނާކޮށްފި


ރަޝިޔާއާ ދެކޮޅަށް ހުޅަނގުގެ ޤައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން، އިނގިރޭސި ވިލާތުގެ ނޫސްވެރިންތަކެއް އެ ޤައުމަށް އެތެރެވުން މަނާކޮށްފިއެވެ. އިނގިރޭސި ވިލާތުގެ މަޝްހޫރު 29 ނޫސްވެރިއަކު ރަޝިޔާއަށް އެތެރެވުން އެ ޤައުމުން މަނާކޮށްފައިވާއިރު، އިނގިރޭސި ވިލާތުގެ ދިފާޢީ ވުޒާރާގެ އިސް އޮފިޝަލުންތަކަކާ މެދު ވެސް އެ ޤައުމުން މިވަނީ މި ފަދަ ފިޔަވަޅުތަކެއް އަޅާފައެވެ.

ރަޝިޔާއަށް އެތެރެވުން މަނާކޮށްފައިވާ ބައެއް ނޫސްވެރިންގެ ތެރޭގައި ބީ.ބީ.ސީ.ގެ ކްލައިވް މީރީއާއި، އޯލާ ގެރީން އަދި ނިކް ބީކްގެ އިތުރުން އެ ނޫހުގެ ޑިރެކްޓަރ ޖެނެރަލް ޓިމް ޑޭވީ ހިމެނެއެވެ. މީގެ އިތުރުން ސްކައި ޓީވީއާއި، ޓައިމްސްއާއި، ގާޑިއަންގެ އިތުރުން ޗެނަލް ފޯއާއި، އައި.ޓީ.ވީ.ގެ ބައެއް ނޫސްވެރިން ވެސް ރަޝިޔާއަށް އެތެރެވުން އެ ޤައުމުން ވަނީ މަނާކޮށްފައެވެ. އަދި، މި ލިސްޓުގައި އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވެސް ހިމަނާފައިވާ އިރު ލިސްޓުގައި އިތުރު މީހުން ހިމެނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ޤައުމުން ބުނެއެވެ.

ބީ.ބީ.ސީ.އިން ބުނީ، ރަޝިޔާއިން ޔޫކްރެއިންގައި ހިންގަމުންދާ ހަނގުރާމަ ރިޕޯޓު ކުރުމުގައި ފަހަށް ނުޖެހޭނެ ކަމަށާއި، ރިޕޯޓު ކުރުން ހުއްޓައިނުލާނެ ކަމުގައެވެ. ރަޝިޔާއިން ބުނީ، ނޫސްވެރިންތަކެއް އެ ޤައުމަށް އެތެރެވުން ހުއްޓުވާފައި ވަނީ، އެ ޤައުމާ ދެކޮޅަށް ދޮގު މަޢުލޫމާތު ފަތުރައި، ވަކި ފަރާތަކަށް ބުރަވެ ރިޕޯޓު ކުރާތީ ކަމުގައެވެ. އަދި، އެ އަމަލުތަކުގެ ސަބަބުން ރަޝިޔާއާ މެދު ނަފްރަތު އުފެދެމުންދާ ކަމުގައި އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ.

ރަޝިޔާއަށް އެތެރެވުން މަނާކޮށްފައިވާ ނޫސްވެރިންގެ ލިސްޓުގައި ހިމެނޭ ފާހަގަކޮށްލެވޭ ބައެއް އެހެން ނޫސްވެރިންގެ ތެރޭގައި ދަ ޓައިމްސްގެ އެޑިޓަރ ޖޯން ވިތެރޯއާއި، ޓެލެގްރާފްގެ ކްރިސް އެވަންސްއާއި، ގާޑިއަންގެ ކެތެރިން ވައިނަރގެ އިތުރުން ޑެއިލީ މެއިލްގެ ޓެޑް ވެރިޓީ ވެސް ހިމެނެއެވެ.