ދުނިޔެ

ޔޫކްރެއިނުން ޖަރުމަނުގެ ބަރު ހަތިޔާރު ބޭނުން ކުރަން ފަށަނީ


ރަޝިޔާގެ ފައުޖުތަކުގެ ކިބައިން ޔޫކްރެއިން މިނިވަން ކުރުމަށް ކުރަމުންދާ ހަނގުރާމައިގައި ބޭނުން ކުރުމަށް ޖަރުމަނުވިލާތުން އެ ޤައުމަށް ފޮނުވި "ހޮވިޓްޒަރ އާޓިލަރީ" ބަޑިއާއި އެހެނިހެން ބަރުހަތިޔާރު ބޭނުން ކުރަން ފެށުމައް ތައްޔާރުވަމުން އެބަދެއެވެ. ޖަރުމަނު ވިލާތުގެ ދިފާޢީ ވަޒީރު ކްރިސްޓީނާ ލަމްބްޚެސްތް ވިދާޅުވީ، އެ ހަތިޔާރު ބޭނުންކުރާނެ ގޮތުގެ ތަމްރީނުތައް ޔޫކްރެއިންގެ ސިފައިން މިހާރު ފުރިހަމަ ކުރަމުންދާ ކަމުގައެވެ.

ޖަރުމަނު ވިލާތުން ޔޫކްރެއިންއަށް ބަރުހަތިޔާރު ފޮނުވާފައި މި ވަނީ، ޔޫކްރެއިން ސިފައިން ބޭނުން ކުރާ ދުވަސްވީ ހަތިޔާރުތަކުގެ އުންޑައާއި ވަޒަން ހުސްވާން ކައިރިވެފައިވާ ކަމަށް އެ ޤައުމުން ބުނެ، ބަރުހަތިޔާރު ފޯރުކޮށްދިނުމަށް އެމެރިކާއާއި ވިލާތުގެ ޤައުމުތަކަށް ގޮވައިލާފައިވާ ދަނޑިވަޅެއްގައެވެ. ހުޅަނގުގެ ޤައުމުތަކުން ވަނީ، ޔޫކްރެއިންއަށް ބަރުހަތިޔާރު ފޯރުކޮށްދޭން އެއްބަސްވެފައެވެ. ނަމަވެސް، އެ ތަކެތި އެ ޤައުމަށް ފޮނުވައި، ހަނގުރާމައިގައި ބޭނުން ކުރުމަށް ތައްޔާރު ކުރުމަކީ ވަގުތު ނަގާ ކަމެކެވެ.

ޖަރުމަނު ވިލާތުން ޔޫކްރެއިންއަށް ފޮނުވާފައިވާ "ހޮވިޓްޒަރ އާޓިލަރީ" ބަޑިއަކީ، 40 ކިލޯމީޓަރަށް ވުރެ ދުރުގައިވާ އަމާޒުތަކަށް ހަމަލާ ދިނުމުގެ ޤާބިލު ކަން ލިބިފައިވާ ހަތިޔާރެކެވެ. ޖަރުމަނު ވިލާތުން މީގެ ހަތް ބަޑި ޔޫކްރެއިންއަށް ފޮނުވާނެ ކަމަށް ބުނެފައިވާ އިރު، ނެދަލެންޑްސްއިން ވެސް ވަނީ މީގެ އިތުރުން ފަސް ބަޑި ޔޫކްރެއިންއަށް ފޮނުވަން އެއްބަސްވެފައެވެ. ނަމަވެސް، މި ހަތިޔާރުތައް ޔޫކްރެއިންގެ ސިފައިންނަށް ފޯރުކޮށްދެވޭނެ ތާރީޚެއް އަދި ސާފެއް ނޫނެވެ.

މި ކަމާ ގުޅޭ ގޮތުން ލަމްބްޚެސްތް ވިދާޅުވެފައި ވަނީ، ހަތިޔާރުތައް ފޮނުވާނީ ޔޫކްރެއިން ސިފައިންނަށް ދެމުންދާ ތަމްރީނުތައް ނިމުމުން ކަމުގައެވެ. ރަޝިޔާ ސިފައިން ޔޫކްރެއިންއަށް އަރައި ފަށާފައިވާ ހަނގުރާމައިގައި ހިފާފައިވާ ސަރަޙައްދުތައް މިނިވަން ކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާއަށް 1,000 ހޮވިޓްޒަރ ބަޑިއާއި، 500 ޓޭންކާއި، 1,000 ޑްރޯން ބޭނުންވާ ކަމަށް އެ ޤައުމުގެ ރައީސްގެ އިސް މުޝީރެއް ކަމުގައިވާ މިޚާއިލޯ ޕޮޑިލްޔެކް ވަނި ވިދާޅުވެފައެވެ.