ދުނިޔެ

ސްރީލަންކާގެ ސިވިލް ސަރވިސް މުވައްޒަފުންނަށް މަސައްކަތު ހަތަރު ދުވަސް


ސްރީލަންކާގެ އިޤްތިޞާދު ވެއްޓިފައިވާ ވަޅުގަނޑުން ސަލާމަތް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން، ސިވިލް ސަރވިސްގެ މަސައްކަތު ދުވަހަކީ ހަފްތާއަކު ހަތަރު ދުވަސް ކަމުގައި ކަނޑައަޅައިފިއެވެ. ސްރީލަންކާގެ ސަރުކާރުން ބުނީ، މި ނިންމުން ނިންމާފައި ވަނީ އެ ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިސާއާ ގުޅިގެން ކާބޯތަކެއްޗާއި ތެލާއި އެހެނިހެން ޒަރޫރީ ސާމާނު ހޯދުމަށް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އިތުރު ވަގުތު ދިނުމުގެ ގޮތުންނެވެ.

ސްރީލަންކާގެ ކެބިނެޓުން ނިންމާފައި ވަނީ ހަފުތާ ބަންދުގެ ތެރެއަށް ހުކުރު ދުވަސް ވެސް އިތުރު ކުރުމަށެވެ. އަދި، ހަފުތާ ބަންދުގެ ގޮތުގެ ކަނޑައަޅާފައިވާ ތިން ދުވަސް، އެންމެ ހެޔޮ ގޮތުގައި ހިފުމަށް ސަރުކާރުން ވަނީ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ގޮވައިލާފައެވެ. އަދި، އެ ދުވަސްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ގޮތުން، އަމިއްލަ ގެދޮރުގައި ކާބޯތަކެތި ހެއްދުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

ސްރީލަންކާގެ ސިވިލް ސަރވިސް މުވައްޒަފުންގެ އަދަދު އެއް މިލިޔަނަށް އަރައެވެ. އަދި، އިޤްތިޞާދީ ކާރިސާގެ ސަބަބުން އެ މީހުންނާއި، އެ މީހުންގެ ޢާއިލާތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ހުކުރު ދުވަހަކީ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމާފައިވީ ނަމަވެސް، މި ނިންމުން ދެމިގެން ދާނީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ.