ދުނިޔެ

އީރާނާ ދެކޮޅަށް ތެދުވަން އިސްރާޢީލުން ޢަރަބި ޤައުމުތަކަށް ގޮވައިލައިފި


އީރާނަކީ މެދުއިރުމަތީގެ ޞުލްޙައަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށް، އެ ޤައުމާ ދެކޮޅަށް ޢަރަބި ޤައުމުތަކުން ތެދުވަން ޖެހޭ ކަމުގައި އިސްރާޢީލުގެ ދިފާޢީ ވަޒީރު ބެނީ ގެންޓްޒް ވިދާޅުވެއްޖެއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން އިސްރާޢީލަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅަކާ ގުޅުވާ ވާހަކަފުޅު ދައްކަވަމުން ގެންޓްޒް ވަނީ، އިރާނާ ދެކޮޅަށް ޢަރަބި ޤައުމުތަކުން އެއްގަލަކަށް އެރުވުމަށް އެމެރިކާއިން އިސް ދައުރެއް އަދާ ކުރެވޭނެ ކަމުގައެވެ.

ބައިޑަން އިސްރާޢީލަށް ކުރައްވާ ދަތުރުފުޅުގައި އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެއެވެ. އެމެރިކާއިން އިސްނަގައިގެން ކުރި މަޝްވަރާތަކަކާ އެކު އިސްރާޢީލާ ބައެއް ޢަރަބި ޤައުމުތަކާ ދެމެދު އޮތް ގުޅުން ވަނީ ރަނގަޅުވާން ފަށާފައެވެ. މި ގޮތުން، އިސްރާޢީލާ އެކު ގުޅުން ބަދަހި ކުރަމުންދާ ޢަރަބި ބައެއް ޤައުމުތަކުގެ ތެރޭގައި މިޞްރާއި ޢުރުދުން ހިމެނެއެވެ.

މީގެ އިތުރުން، ބަޙުރޭނާއި އެކުވެރި ޢަރަބި ޢިމާރާތުން ވެސް ވަނީ މީގެ ދެ އަހަރު ކުރިން އިސްރާޢީލާއެކު ގުޅުން ބަދަހި ކުރުމަށް އެއްބަސްވެފައެވެ. "އަބްރަހަމް އެކޯޑްސް" ގެ ނަން ދީފައިވާ މި އެއްބަސްވުމަށް ތާޢީދުކުރާ ކަން ސަޢޫދީ ޢަރަބިއްޔާއިން ވެސް ވަނީ ހާމަކޮށްފައެވެ. ނަމަވެސް، އިސްރާޢީލާއެކު ރަސްމީ ގޮތުން ގުޅުން ބަދަހިކުރުމަށް އެ ޤައުމުން އަދި މިހައިތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.