ގައުމީ އެތުލެޓިކްސް ޓީމުގައި ހިމެނޭ ޒުވާން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން އަނެއްކާވެސް 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު އާކުރިއިރު، ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އެއް ދުވުންތެރިޔާ ސަމްހާ އަޙްމަދު ފަސް ކިލޯމީޓަރު ދުވުމުގެ ރިކޯޑު މުގުރާލައިފިއެވެ.
މިއީ ހިމްނާ 400 މީޓަރު ދުވުމުގެ ރިކޯޑު އާކުރި ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން 2018، 2019 އަދި 2021 ވަނަ އަހަރު ހިމްނާ ވަނީ މި ރެކޯޑް އާކޮށްފައެވެ. އަދި އެންމެ ފަހުން ގައުމީ ރެކޯޑް ހިމްނާ އާކޮށްފައިވަނީ ކެންޔާގައި ކުރިއަށްދިޔަ ދުނިޔޭގެ 20 އަހަރުން ދަށުގެ މުބާރާތުގައެވެ. އެފަހަރު ހިމްނާ މި ރެކޯޑް އާކުރީ 58.90 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ހިމްނާ މި ފަހަރު ރެކޯޑް އާކުރީ ގައުމީ ޓީމުގެ ޓައިމް ޓްރަޔަލްގައެވެ. މި ފަހަރު ހިމްނާގެ ޓައިމިން އަކީ 57.56 ސިކުންތެވެ. މިއީ އެންމެ ފަހުގެ ޓައިމިންއަށް ބަލާއިރު 1.34 ސިކުންތުގެ ކުރިއެރުމެކެވެ. 400 މީޓަރުގެ ޖޫނިއާ އަދި ޔޫތު ރެކޯޑްވެސް އޮންނަނީ ހިމްނާ އަތުގައެވެ.
މީގެ އިތުރުން ފަސް ކިލޯމީޓަރުގެ ދުވުމުގެ ރެކޯޑް ސަމްހާ މުގުރާލީ ޖަރުމަނުގައި ބޭއްވި ރޭހެއްގައި ދުވެގެންނެވެ. މީގެ ކުރިން 2017 ވަނަ އަހަރުވެސް ސަމްހާ ވަނީ މި ރެކޯޑް ހަދައިފައެވެ. އެކަމަކު އޭނާގެ ރެކޯޑް، މި އަހަރު ޔޫއޭއީގައި އޮތް އިވެންޓެއްގައި ދުވެ، އަރަމުން އަންނަ ދުވުންތެރިޔާ އާމިނަތު ޖާއިޝާ ޖުނީޒް ވަނީ މުގުރާލައިފައެވެ.
ޖަރުމަނުގައި ކުރިއަށްދިޔަ ރޭސް ސަމްހާ ނިންމީ 20 މިނެޓު 08 ސިކުންތުންނެވެ. މީގެ ކުރިން މި ރެކޯޑް އޮންނަ ޖައިޝާގެ ޓައިމިން އަކީ 20 މިނެތު 26 ސިކުންތެވެ.
ސަމްހާ މި ރެކޯޑް މުގުރާލިއިރު، އޭނާ ދިގު ރާސްތާ ދުވުމުގެ ޓްރެއިނިންތައް ފަހަކަށް އައިސް ކުރިއަށް ގެންދަނީ ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވުމުގެ ރެކޯޑް އޮތް، ނަސްރުﷲ އަހުމަދުއާ އެކުއެވެ.
ރާއްޖޭގެ އަންހެނުންގެ 100 މީޓަރުގެ ދުވުމުގެ ރެކޯޑް އޮތީ ޝަމްހާ އަތުގައެވެ. އަންހެނުންގެ 100 މީޓަރުގެ ގައުމީ ރެކޯޑް ކަމަށްވާ 12:27 ސިކުންތަކީ ކެނެޑާގެ އެޑްމޮންޓަންގައި 2001 ގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި އޭނާ ދުވި ރޭހުގެ ނަތީޖާއެވެ.