ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގައި ދިވެހި ސިފައިންގެ ކުލަބުގެ މައްޗަށް ޕޮލިސް ކުލަބުން ކުރިހޯދިއިރު، ސްޕޯޓްސް ކުލަބު ސިޓީ ބަލިކޮށް ކުލަބު ވެމްކޯއިން ފޯމު ހިފަހައްޓައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ހޯމަ ދުވަހު ހަވީރު ކުޅުނު މެޗު ޕޮލިހުން ކާމިޔާބުކުރީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ދެ ސެޓުގައި ސިފައިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ދެ ސެޓު އެ ޓީމުން ވަނީ ފަސޭހަކަމާއެކު 25-15 އަދި 25-20 އިން ކާމިޔާބުކޮށްފައެވެ. އެކަމަކު ވާދަވެރި ކުޅުމަކަށްފަހު ތިންވަނަ ސެޓު ޕޮލިހުން ވަނީ 25-22 އިން ގެންގޮސްފައެވެ.
އަދި މެޗުގެ ފަހު ދެ ސެޓުގައި ޕޮލިހުން ތަފާތު ރޫހެއްގައި ކުޅުނުއިރު، މި ދެ ސެޓު އެ ޓީމުން ގެންދިޔައީ 25-20 އަދި 15-7 އިންނެވެ.
މީގެ އިތުރުން ހޯމަ ދުވަހުގެރޭ ކުޅުނު މެޗުގައި ސިޓީގެ މައްޗަށް ވެމްކޯ ކުރިހޯދީ 3-1 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅު ސިޓީން ދެ ޕޮއިންޓުގެ ލީޑެއްގައި އޮވެގެން ކުޅުނު ނަމަވެސް ވެމްކޯގެ ތަޖުރިބާކާރު ކުޅުންތެރިން ކަމުގައިވާ އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ފައިރޫޒުގެ އިތުރުން ބިދޭސީ ކުޅުންތެރިންގެ މޮޅު ކުޅުމާއެކު ވެމްކޯއިން ވަނީ 27-25 އިން މި ސެޓު ކާމިޔާބުކޮށްފައެވެ.
މެޗުގެ ދެވަނަ ސެޓުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓުގައި ސިޓީން ވަނީ ރާއްޖޭގެ އުފެދުނު އެންމެ މޮޅު އެއް ސެޓަރު ކަމުގައިވާ އިޝާން އަޙްމަދު (ބަޓިސް) ކުޅެން އަރުވާފައެވެ. މި ސެޓު ވެމްކޯއިން ގެންދިޔައީ 25-22 އިންނެވެ. އެކަމަކު ތަފާތު ރޫހެއްގައި ކުޅެ ސިޓީން ވަނީ ތިންވަނަ ސެޓު 25-18 އިން ކާމިޔާބުކޮށްފައެވެ.
ނަމަވެސް ހަތަރުވަނަ ސެޓުގައި ސިޓީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ވެމްކޯއިން ވަނީ ފަސޭހަކަމާއެކު 25-17 އިން ކާމިޔާބުކޮށްފައެވެ.
މި ފަހަރުގެ އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގެ މެޗުތައް ކުޅެވިގެންދަނީ ލީގު އުސޫލުންނެވެ. މި ޑިވިޝަނުގައި ވާދަކުރާ ޓީމުތަކަކީ ޕޮލިހާއި، ވެމްކޯ އާއި، އޮފު އެފްސީ އާއި، ގުޑީސް ސްޕޯޓްސް ކުލަބާއި، ދިވެހި ސިފައިންގެ ކުލަބު އަދި ސްޕޯޓްސް ކުލަބު ސިޓީއެވެ.