ތުރުކީ ސުޕަ ލީގުގެ ފާތިހް ކަރަގުމްރުކުގެ ކޯޗުގެ މަގާމަށް އިޓަލީގެ އަންދްރެއާ ޕިރްލޯ ހަމަޖައްސައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕިރްލޯ މި މަގާމާ ހަވާލުވެފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މިދިޔަ އަހަރުގެ މެއި މަހު ޔުވެންޓަސްގެ ކޯޗުކަމުން ވަކިކުރި ފަހުން ޕިރްލޯ މިހާތަނަށް ހުރީ އެއްވެސް ކުލަބަކާއި ނުގުޅިއެވެ. 1926 ވަނަ އަހަރު އުފެއްދި ފާތިހް ކަރަގުމްރުކަށް މިހާތަނަށް ތުރުކީ ސުޕަ ލީގު ކާމިޔާބުކުރެވިފައެއް ނުވެއެވެ. އަދި މިދިޔަ ސީޒަން ނިންމާލީ ލީގުގެ އަށްވަނައިގައި އޮވެގެންނެވެ.
ޕިރްލޯ ވަނީ މިދިޔަ ސީޒަންގައި ޔުވެންޓަސްއާއެކު އިޓާލިއަން ކަޕާއި އިޓާލިއަން ސުޕަ ކާޕް ކާމިޔާބުކޮށްފައެވެ. އެކަމަކު އޭނާ މަގާމުން ވަކިކުރީ ލީގު ކާމިޔާބު ނުކުރެވި، ތާވަލްގެ ހަތަރު ވަނައިގައި ލީގު ނިންމާލަން ޖެހުމުންނެވެ.
ޕިރްލޯ ވަނީ އޭނާގެ ކުޅުމުގެ ދުވަސްވަރު އިންޓަ މިލާން، އޭސީ މިލާން އަދި ޔުވެންޓަސްއަށް ކުޅެފައެވެ. އަަދި އިޓަލީގެ ގައުމީ ޓީމަށް 116 މެޗު ކުޅެދީ، 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ވަނީ ކާމިޔާބުކޮށްފައެވެ.