ވިޔަފާރި

ޖަރުމަނުވިލާތުގެ މިއަހަރުގެ ޖީޑީޕީ ދަށަށްދާނެކަމަށް ލަފާކޮށްފި


ޖަރުމަނުވިލާތުގެ މިއަހަރުގެ ޖީޑީޕީ %1.9އަށް ދަށަށްދާނެކަމަށް އެ ޤައުމުގެ މަރުކަޒީ ބޭންކުން ލަފާކޮށްފިއެވެ.
މިއަހަރުގެ ޖީޑީޕީ ދަށަށްދާނެކަމަށް ލަފާކުރިއިރު މިދިޔަ އަހަރު ޑިސެމްބަރުމަހު %4.2 އަށް ޖީޑީޕީ ކުރިއަރާނެކަމަށް ވަނީ ލަފާކޮށްފައެވެ.

އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ޖަރުމަނުވިލާތުގެ އިޤްޠީޞާދީ ދުވެލި ހަލުއިވީ ނަމަވެސް ކުރިން ލަފާކޮށްފައިވާ ވަރަށްވުރެ ދުވެލި މަޑުވާނެކަމަށް އެ ޤައުމުން ބުނެއެވެ. އަދި ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން އަވަސް މުސްތަޤްބަލެއްގައި އެ ޤައުމަށް އިޤްޠިޞާދީ ތަރައްޤީއެއް އަންނާނެކަމާއިމެދު އެއްވެސް ޔަޤީންކަމެއްނެތް ކަމަށްވެސް ޖަރުމަނުވިލާތުން ބުނެއެވެ.

ޖަރުމަނުވިލާތުގެ ފެޑަރަލް ސްޓެޓިސްޓިކް އޮފީހުން ހާމަކޮށްފައިވާގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ޤައުމުގެ އިޤްޠީޞާދީ ދުވެލި ކުރިއަރާފައިވަނީ އެންމެ %0.2 އަށެވެ. ޖީޑީޕީ ހުރީ ކޯވިޑުގެ ބަލިމަޑުކަމުގެ ކުރިންވެސް ހުރިވަރަށް %0.9 ގައެވެ.

މެއި މަހު ޖަރުމަނުވިލާތުގެ އިންފްލޭޝަން ރޭޓު ހުރީ %7.9 ގައެވެ. މިއީ 1974 ވަނަ އަހަރަށްފަހު އެ ޤައުމުގެ އިންފްލޭޝަން ރޭޓު މިހާ މަތިވި ފުރަތަމަ ފަހަރެވެ. ހަކައިތައިގެ އަގު ވަނީ %38.3 އަށް އުފުލިފައެވެ.

ޖަރުމާނުވިލާތުގެ އިޤްޠިޞާދީ ދުވެލި މަޑުވެފައިމިވަނީ ރަޝިއާ ޔުކްރެއިން ހަނގުރާމައާއި ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން މުދާ ލިބުން ދަތިވުމާއި ތަކެތީގެ އަގުބޮޑުވުމުން ކަމަށް އެ ޤައުމު ރައީސް ޖޯޖް ޓީލް ވަނީ ވިދާޅުވެފައެވެ.