ދުނިޔެ

އެމެރިކާއާއި ވިލާތުން ޔޫކްރެއިނަށް ފޮނުވާފައިވާ ބަރު ހަތިޔާރުތަކެއް ނައްތާލައިފި


އެމެރިކާއާއި ވިލާތުގެ ޤައުމުތަކުން ޔޫކްރެއިންގެ އަސްކަރިއްޔާއަށް ވާގިވެރިވުމުގެ ގޮތުން ފޮނުވާފައި ހުރި ގިނަ އަދަދެއްގެ ބަރު ހަތިޔާރުތަކެއް ރައްކާކޮށްފައި ހުރި ތަނަކަށް ބޮން އަޅައި، އެ ހަތިޔާރުތައް ނައްތައިލާފައިވާ ކަމުގައި ރަޝިޔާއިން ބުނެފިއެވެ. ރަޝިޔާގެ މިނިވަން ނޫސް އޭޖެންސީއެއް ކަމުގައިވާ އިންޓަފެކްސްއިން ބުނީ، ޔޫކްރެއިންގެ ޓަރނިޕިލް ސަރަޙައްދުގައި ރައްކާކޮށްފައި ހުރި ހަތިޔާރުތައް ނައްތައިލާފައި ވަނީ "ކެލިބަރ" މަރުކާގެ ކްރޫޒް މިސައިލް ބޭނުންކޮށްގެން ދިން ހަމަލާއެއްގައި ކަމުގައެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއާ ހަވާލާދީ އިންޓަފެކްސްއިން ބުނީ، ދޮނެޓްސްކް އަދި ހާކީވް ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދިޔަ ޔޫކްރެއިންގެ ތިން އަސްކަރީ މަތިންދާބޯޓެއް ވެސް ރަޝިޔާ ސިފައިން ވައްޓައިލާފައިވާ ކަމުގައެވެ. މީގެ އިތުރުން ސިއެވޮރޮދޮނެޓްސްކްގެ މައި ބުރިޖެއް ވެސް ރަޝިޔާ ސިފައިން ވަނީ ނައްތައިލާފައެވެ.

ސިއެވޮރޮދޮނެޓްސްކްއަކީ ދޮންބެސް ސަރަޙައްދުގައި ރަޝިޔާގެ އަތްދަށަށް ނުގޮސް މިހާރު އޮތް ހަމައެކަނި ރަށެވެ. އެ ރަށަށް ދަތުރު ކުރަން އޮންނަ މައި ބުރިޖެއް ނައްތައިލުމާ ގުޅިގެން، ރައްކާތެރި ހިސާބުތަކަށް ދަތުރުކުރުމަށް އެ ރަށުގެ ރައްޔިތުންނަށް ވަނީ ހުރަސްއެޅިފައެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ކޮންމެ ރެޔަކު ދެއްވާ ވީޑިއޯ މެސެޖުގައި އޭނާ ވިދާޅުވީ، ސިއެވޮރޮދޮނެޓްސްކް ވަށައިލާ އެ ރަށް ހިފުމަށް ރަޝިޔާގެ ފައުޖުތަކުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމުގައެވެ. އަދި، އެ ރަށަށް އިތުރު ސިފައިން ފޮނުވަން ވެސް ރަޝިޔާއިން މަސައްކަތް ކުރަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ސިއެވޮރޮދޮނެޓްސްކްގެ އަޒޮޓް ކެމިކަލް ކާރުޚާނާ ހުންނަ ސަރަޙައްދުގައި ޔޫކްރެއިންގެ ދިފާޢީ ސިފައިން އަދިވެސް ދަނީ ރަޝިޔާގެ ފައުޖުތަކަށް ވަރުގަދަ ހަމަލާތަކެއް އަމާޒު ކުރަމުންނެވެ. އެ ކާރުޚާނާގައި ޢާންމުންގެ 500 އެއްހާ މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި 40 ކުޑަކުދިން ވެސް ހިމެނޭ ކަމުގައި ޒެލެންސްކީ ވިދާޅުވިއެވެ. ސިއެވޮރޮދޮނެޓްސްކްއަށް ދަތުރު ކުރެވެން އޮންނަ މައި ތިން ބުރިޖެއްގެ ތެރެއިން ދެ ބްރިޖެއް މިހާރު މި ވަނީ ސުންނާފަތި ކޮށްލާފައެވެ.