ދުނިޔެ

ޗައިނާއާއި އެމެރިކާގެ ގުޅުން ގޯސްވެ، ބަހުގެ ހަމަލާތަކެއް


ޗައިނާއާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަން މި ވަގުތު އޮތީ ވަރަށް ހައްސާސް ހާލަތެއްގައި ކަމަށް ވިދާޅުވެ، ގުޅުންތައް އިތުރަށް ހަރުދަނާ ކުރެވޭނީ އެމެރިކާއިން އެއްބާރުލުން ދީގެން ކަމުގައި ޗައިނާގެ ދިފާޢީ ވަޒީރު ވެއި ފެންހަރ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ސިންގަޕޫރުގެ މިހާރު ކުރިއަށްދާ އޭޝިޔާ ޤައުމުތަކުގެ ސަލާމަތާ ބެހޭ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފެންހަރ ވިދާޅުވީ އެމެރިކާއިން މަސައްކަތް ކުރަމުންދަނީ ދުނިޔޭގެ ކުރިމަތީގައި ޗައިނާގެ އަގުވައްޓައިލުމަށް ކަމުގައެވެ. އަދި، އެ ޤައުމާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ތުހުމަތުތަކާއި އިންޒާރުތައް ކުށްވެރިކުރައްވާ ކަމުގައެވެ. އޭނާ އެ އިޝާރާތް ކުރައްވަނީ ސަމިޓުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދެއްކެވި ވާހަކަފުޅަށެވެ.

އޮސްޓިން ވިދާޅުވެފައި ވަނީ، ޗައިނާގެ އަސްކަރިއްޔާގެ އަމަލުތަކުގެ ސަބަބުން އެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރި ކަމަށް ހުރަސް އެޅިފައިވާ ކަމަށެވެ. މި ގޮތުން، އެހެން ޤައުމުތަކުގެ އަސްކަރީ މަތިންދާބޯޓުތަކާއި މަނަވަރުތަކަށް ޗައިނާގެ އުޅަނދުތަކުން އުނދަގޫކޮށް، އިންޒާރުދޭ މައްސަލަ އޭނާ ފާހަގަކުރެއްވިއެވެ. އަދި، ޓައިވާނާ ދެކޮޅަށް ޗައިނާއިން ގެންގުޅޭ ސިޔާސަތު ފާހަގަ ކުރައްވާ، އެ ސިޔާސަތުތަކަށް އޮސްޓިން ފާޑު ވިދާޅުވިއެވެ.

މި ތުހުމަތުތަކަށް ރައްދު ދެއްވަމުން ފެންހަރ ވިދާޅުވީ، ޗައިނާއަކީ އަބަދުވެސް ޞުލްޙައާއި މަސަލަސްކަން އިސްކުރާނެ ޤައުމެއް ކަމުގައެވެ. އަދި، އެއްވެސް ޤައުމެއްގެ މިނިވަންކަމާއި ސިޔާދަތަށް އަސަރު ކުރާ ފަދަ އެއްވެސް އަމަލެއް އެ ޤައުމުން ނުހިންގާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.