ދުނިޔެ

ހަތިޔާރު ގެންގުޅުމާ ދެކޮޅަށް އެމެރިކާގެ އެތައް ހާސް ރައްޔިތުންނަށް މަގުތަކަށް


އެމެރިކާގައި ބަޑިއާއި އެ ފަދަ ނުރައްކާތެރި ހަތިޔާރު ގެންގުޅުމަށް ޢާންމުންނަށް ދީފައިވާ ޙައްޤާ ދެކޮޅަށް އެތައް ހާސް ބަޔަކު އަޑުއުފުލަން ފަށައިފިއެވެ. އެމެރިކާގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ މި ހަރަކާތްތަކުގައި އެތައް ހާސް ބަޔަކު ދަނީ ބައިވެރިވަމުންނެވެ. އަދި، ބަޑިއާއި އެ ނޫން ވެސް ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ހައްޤު ހަނިކުރުމަށް ޤާނޫނުތައް އިޞްލާޙު ކުރުމަށް ހިނގާލުންތަކުގެ ބައިވެރީން ދަނީ ގަވައިލަމުންނެވެ.

ވެރިރަށް ވޮޝިންގްޓަންގެ ނޭޝަނަލް މޯލް ކައިރީގައި ބޭއްވި ހިނގާލުމުގައި ވެސް 40,000 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. މި ހަރަކާތް އިންތިޒާމު ކޮށްފައި ވަނީ "މާޗް ފޮރ އަވަރ ލައިވްސް"ގެ ނަން ދީފައިވާ ޖަމުޢިއްޔާއަކުންނެވެ. އެ ޖަމުޢިއްޔާ އެކުލެވިގެން ވަނީ 2018 ވަނަ އަހަރު ފްލޮރިޑާގެ ޕާކްލެންޑްގައި ދިން ބަޑީގެ ހަމަލާތަކަކުން ސަލާމަތްވި މީހުންގެ މައްޗަށެވެ.

އެމެރިކާގެ ބައެއް ސަރަޙައްދުތަކުގައި ދާދި ފަހުން ވަނީ ބަޑީގެ ހަމަލާތައް އިތުރުވެފައެވެ. މި ގޮތުން، މޭ މަހު ޓެކްސަސްގައި ހިނގި މި ފަދަ ހާދިސާއެއްގައި 19 ދަރިވަރުންނާއި ދެ ޓީޗަރަކު ވަނީ މަރުވެފައެވެ. އަދި، ނިއުޔޯކްގެ ފިހާރައެއްގައި ދިން ބަޑީގެ ހަމަލާތަކެއްގައި 10 މީހުން މަރުވިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑްންވަނީ މި ހަރަކާތްތަކަށް ތާޢީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި، "އެސޯލްޓް ރައިފްލް" ފަދަ ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ޙައްޤު ހަނިކުރުމަށް އޭނާ ވަނީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީސް ކަމުގައިވާ "ކޮންގްރެސް" އަށް ގޮވައިލައްވާފައެވެ.