ކުޅިވަރު

ޕޯލަންޑް އަތުން ނެދަލަންޑްސްއަށް ޕޮއިންޓެއް


ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭ ގްރޫޕް ހަތަރެއްގައި ނެދަލަންޑްސް އާއި ޕޯލަންޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ނެދަލަންޑްސްގައި ކުޅުނު މިމެޗް ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރުވެގެންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނެދަލަންޑްސްއިންނެވެ.

މިމެޗްގައި އެންމެ ފުރަތަމަ ލަނޑު ޖަހައި، ލީޑު ނެގީ ޕޯލަންޑްއިންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޓީ ކޭޝްއެވެ. އަދި ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓްގައި ޕިއޮޓްރަ ޒިއެލިންސްކީ ވަނީ ލަނޑެއް ޖަހައި، ޕޯލަންޑްގެ ލީޑު ފުޅާކޮށްދީފައެވެ.

މިމެޗްގައި ނެދަލަންޑްސްގެ ފުރަތަމަ ލަނޑު މެޗްގެ 51 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑެވީ ކްލާސެންއެވެ. އަދި މި މެޗުގައި ނެދަލެންޑްސްއަށް ނަތީޖާ އެއްވަރުކުރި ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑެންޒެލް ޑަމްފްރީސްއެވެ.

މީގެ އިތުރުން މިމެޗްގައި ފަހަތުން އަރައި ފާހަގަކޮށްލެވޭ މޮޅެއް ހޯދުމަށް ނެދަލަންޑްސްއަށް ލިބިގެންދިޔަ ފުރުސަތު، އެންމެ ފަހު ވަގުތު ވަނީ ގެންލިގެން ގޮސްފައެވެ. އެގޮތުން މެޗްގެ އިތުރު ވަގުތުގައި ނެދަލަންޑްސްއަށް ޕެނަލްޓީއެއްވެސް ލިބިގެންދިޔަ ނަމަވެސް، އެ ޓީމުގެ މެންފިސް ޑެޕާއި ފޮނުވާލި ޕެނަލްޓީ، ގޯލުގެ ދަނޑީގައި ޖެހިފައިދިޔައީ ބޭރަށެވެ.

މިއީ މިފަހަރުގެ މުބާރާތުގައި ނެދަލްންޑްސް މެޗަކުން އެއްވަރުވި ފުރަތަމަ ފަހަރެވެ. މިމެޗް އެއްވަރުވުމުން ނެދަލަންޑްސް އުޅެނީ ކުޅުނު ތިން މެޗުން ލިބިފައިވާ ހަތް ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. އަދި ޕޯލަންޑް އުޅެނީ ތިން މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ.