ދުނިޔެ

އުތުރު ކޮރެޔާގެ ނިއުކްލިޔަރ ނެގޯޝިއޭޓަރަށް ޚާރިޖީ ވަޒީރުގެ މަޤާމު


އުތުރު ކޮރެޔާގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭ ގޮތުން އެމެރިކާއާ އެކު ބާއްވާ މަޝްވަރާތަކުގައި އެންމެ އިސްކޮށް އެ ޤައުމު ތަމްސީލުކުރައްވާ ޗޯއީ ސޮން ހުއީ އެ ޤައުމުގެ ޚާރިޖީ ވަޒީރުގެ މަޤާމަށް ޢައްޔަންކޮށްފިއެވެ. މި ކަން ހާމަކޮށްފައި ވަނީ އުތުރު ކޮރެޔާގެ ޤައުމީ މީޑިޔާ ކޭ.ސީ.އެން.އޭ.އިންނެވެ.

އޭނާއަށް ޚާރިޖީ ވަޒީރުގެ މަޤާމު ހަވާލުކޮށްފައި މި ވަނީ، އުތުރު ކޮރެޔާއިން އިތުރު ނިއުކްލިޔަރ ޓެސްޓެއް ހެދުމަށް ތައްޔާރުވަމުންދާ ކަމަށް އެމެރިކާއިން ބުނެފައިވާ ދަނޑިވަޅެއްގައެވެ. އުތުރު ކޮރެޔާއިން އިތުރު ނިއުކްލިޔަރ ޓެސްޓެއް ހަދައިފި ނަމަ، އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން އ.ދ. މެދުވެރިކޮށް މަސައްކަތް ކުރާނެ ކަމުގެ އިންޒާރު އެމެރިކާއިން ވަނީ ދީފައެވެ.

އުތުރު ކޮރެޔާގެ ވަރކަސް ޕާޓީގެ ސެންޓްރަލް ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ޤައުމުގެ ރައީސް ކިމް ޖޮންގ އުން ވިދާޅުވީ، އެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާޢު ކުރުމަށް ބާރުގެ ބޭނުން ކުރަން އެ ޤައުމުން ފަސް ނުޖެހޭނެ ކަމުގައެވެ. އަދި، އެ ޤައުމުގެ އަސްކަރިއްޔާ އިތުރަށް ބާރުވެރި ކުރަން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އުތުރު ކޮރެޔާއިން އެ ޤައުމުގެ ހަތްވަނަ ނިއުކްލިޔަރ ޓެސްޓު ހެދުމަށް ތައްޔާރުވަމުންދާ ކަމުގެ އިންޒާރު އެމެރިކާއިން ދީފައިވާ އިރު، ދެކުނު ކޮރެޔާއާއި އެމެރިކާއިން ވަނީ މި ކަން ކުށްވެރިކޮށްފައެވެ. އެ ދެ ޤައުމުން ބުނީ، މި ކަމާއި އުތުރު ކޮރެޔާއިން ދާދިފަހުން ހަދާފައިވާ މިސައިލް ޓެސްޓުތަކާ ގުޅިގެން ކޮރެޔާ ބައްރުގެ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާވެފައިވާ ކަމުގައެވެ. އަދި، މިއީ މުޅި ދުނިޔެއަށް ވެސް އޮތް ބިރެއްގެ ގޮތުގައި އެ ދެ ޤައުމުން ސިފަކުރެއެވެ. މި ކަމާ މެދު މަޝްވަރާ ކުރުމަށް އެމެރިކާ އަދި ދެކުނު ކޮރެޔާގެ ދިފާޢީ ވަޒީރުން ވަނީ، މިހާރު ސިންގަޕޫރުގައި ކުރިއަށްދާ އޭޝިޔާ ޤައުމުތަކުގެ ސަލާމަތާ ބެހޭ ސަމިޓުގެ ހަވާސާގައި ބައްދަލު ކުރައްވާފައެވެ