ދުނިޔެ

އީރާނާއި ވެނެޒުއެލާއާ ގުޅުން ބަދަހިކުރަން 20 އަހަރުގެ އެއްބަސްވުމެއް


ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅިގެން ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާ އީރާނާއި، އިންސާނީ ޙައްޤުތަކުގެ ހާލަތާ ގުޅިގެން އެމެރިކާގެ ދަތިކުރުމުގެ ފަޔަވަޅުތަކާ ކުރިމަތިލާން ޖެހިފައިވާ ވެނެޒުއެލާއާ ދެމެދު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ މިހާރު އީރާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ރައީސް އިބްރާހިމް ރައީސީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގެ ހަވާސާގައެވެ.

20 އަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން ތެލާއި ޕެޓްރޯކެމިކަލް އުފެއްދުމުގެ ދާއިރާއިންނާއި ދިފާޢީ ގޮތުންނާއި ފަތުރުވެރިކަން ކުރިއެރުވުމަށް ދެ ޤައުމުގެ މެދުގައި ގުޅުހުން ބަދަހިކޮށް އެއްބާރުލުން ދޭނެއެވެ. މީގެ އިތުރުން ވެނެޒުއެލާގެ ތެޔޮ އުފައްދާ ކާރުޚާނާތައް މަރާމާތު ކުރުމާއި އެ ތަންތަނަށް ބޭނުންވާ ފަންނީ އެހީތެރިކަން އީރާނުން ފޯރުކޮށްދޭނެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ކުރިމަތިވެފައިވާ އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް ފަސޭހަވާނެ ކަމަށް ދެ ޤައުމުން ވެސް ޤަބޫލު ކުރެއެވެ. އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅިގެން އެ ޤައުމާ ދެކޮޅަށް ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާތާ އެތައް އަހަރެއް ވެއްޖެއެވެ.