ދުނިޔެ

ކެނެޑާގެ އަސްކަރީ މަތިންދާބޯޓަކަށް ޗައިނާއިން އުނދަގޫކޮށްފި


އުތުރު ކޮރެޔާ ކައިރީގައި ފޯރިމަރަމުން ދިޔަ ކެނެޑާގެ އަސްކަރީ މަތިންދާބޯޓަކަށް ޗައިނާގެ އަސްކަރީ އުޅަނދަތަކުން އުދަނގޫކުރި މައްސަލައެއް ފެންމަތިވެ، ކެނެޑާއިން ޗައިނާއަށް ނުރުހުން އަމާޒުކޮށްފިއެވެ. މި ކަމާ ގުޅިގެން ކެނެޑާގެ ދިފާޢީ ވަޒީރު އަނީތާ އާނަންދު ވިދާޅުވީ، ޗައިނާގެ އަސްކަރީ މަތިންދާބޯޓުން ހިންގާފައި ވަނީ ވަރަށް ކަންބޮޑުވާ ފަދަ ދަށު ދަރަޖައިގެ އަމަލުތަކެއް ކަމުގައެވެ.

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އޭޝިޔާ ބައްރުގެ ޤައުމުތަގެ ސަލާމަތާ ބެހޭ ސަމިޓު ކަމުގައިވާ "ޝަންގްރީ-ލާ ޑަޔަލޮގް" ގެ ހަވާސާގައި ވާހަކަފުޅު ދައްކަވަމުން އާނަންދު ވިދާޅުވީ، މި މައްސަލަ ޗައިނާގެ ޚާރިޖިއްޔާއާ ރަސްމީ ސިފައެއްގައި ހިއްސާކޮށްފައި ވާނެ ކަމުގައެވެ. ނަމަވެސް، ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވާ ޗައިނާގެ ދިފާޢީ ވަޒީރާ ބައްދަލު ކުރައްވައި މި ކަމާ ގުޅޭ ގޮތުން އޭނާ މަޝްވަރާ ކުރައްވާފައިވާ ކަން އަދި ސާފެއް ނޫނެވެ.

އުތުރު ކޮރެޔާ ކައިރީގައި ކެނެޑާގެ އަސްކަރީ މަތިންދާބޯޓުތަކުން ހަރަކާތްތެރިވަމުން ދަނީ، އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ހިންގަމުންދާ އޮޕަރޭޝަނެއްގައެވެ. މި ގޮތަށް ފޯރިމެރުމުގައި ހަރަކާތްތެރިވަމުން ދިޔަ ކެނެޑާގެ އަސްކަރީ އިތުރު މަތިންދާބޯޓުތަކަކަށް ވެސް ޗައިނާގެ އަސްކަރީ އުޅަނދުތަކުން މި މަހުގެ ކުރީކޮޅު އުނދަގޫކޮށްފައިވާ ކަމަށް އެ ޤައުމުން ބުނެއެވެ.

މި އޮޕަރޭޝަނަކީ ޗައިނާގެ ސަރަޙައްދުތައް މޮނީޓަރުކުރުމަށް ހިންގާ އޮޕަރޭޝަނެއްގެ ގޮތުގައި ޗައިނާއިން ސިފަކުރެއެވެ. ޗައިނާގެ ދިފާޢީ ވުޒާރާއިން ބުނީ، އެ ޤައުމުގެ ވައިގެ ސަރަޙައްދާ ކައިރީގައި ކެނެޑާގެ އަސްކަރީ މަތިންދާބޯޓުތަކުން ހިންގާ މިފަދަ ޖާސޫސީ އޮޕަރޭޝަންތައް ފަހަކަށް އައިސް އިތުރުކޮށްފައިވާ ކަމަށެވެ. އަދި، މިއީ އެ ޤައުމަށް ޖެއްސުން ކުރުމުގެ ގޮތުން ހިންގާ އޮޕަރޭޝަނެއްގެ ގޮތުގައި ވެސް އެ ޤައުމުން ސިފަކުރެއެވެ