މުނިފޫހިފިލުވުން

ހުރިހާ އެކްޝަން ލެޖެންޑުން އެއް ފިލްމަކުން


80ގެ އަހަރުތަކުގައި ނުކުތް ހިންދީ ފިލްމުތަކުން ގަދަ ތަޅާލުންގަނޑުތައް ހުންނަ ފިލްމުތަކުގައި އަބަދުވެސް ލީޑްރޯލުން ފެނިގެންދާނީ މީގެއިން ކޮންމެވސް އެއް ތަރިއެކެވެ. އެކްޝަން ފިލްމުތަކަށް އޭރު އެންމެ ކަމުދާ ތަރިންނަނީ ޖެކީ ޝޮރަފާއި މިތުން ޗަކެރެވަދީ، ސަނީ ޑިއޯލްގެ އިތުރުން ސަންޖޭ ސަތެވެ.

މި ހަތަރު ތަރިން އެކުގައި އެއް ފިލްމަކުން ފެންނަން ތައްޔާރުވާކަމުގެ ވާހަކަތައް ފުރަތަމ އިވެން ފެށީ މިދިޔަ އަހަރުގެ ތެރޭގައެވެ. މިހާރު މިވަނީ ފިލްމުގެ ވާހަކައާއި ނަން ރަސްމީކޮށް އިއުލާންވެސްކޮށްފައެވެ.

މި ހަތަރު ތަރިން އެކުގައި ސްކްރީނުން ފުރަތަމަ ފަހަރަށް ފެންނަ ފިލްމަށް ދީފައިވާނަމަކީ "ބާޕް"އެވެ. ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މި ފިލްމު ސިފަކުރަނީ އެކްޝަން ފިލްމުތަކުގެ ބައްޕަ ފިލްމުގެ ގޮތުގައެވެ.

އަޙުމަދުޚާނާއި ޒީ ސްޓޫޑިއޯސް ގުޅިގެން ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓްކުރާނީ ވިވޭކް ޗޯހާންއެވެ.

މި ފިލްމުގެ މަސައްކަތް މިމަހުގެ 14 ވަނަ ދުވަހު މުމްބާއީގައި ފަށަން މިހާރު ވަނީ ނިންމާފައެވެ. ބޮޑު ޗުއްޓީއަކާ ދިމާކޮށް މި ފިލްމު ސިނަމާތަކުގައި އަޅުވަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުއެވެ. އަޙުމަދުޚާނާއި ޒީ ގުޅިގެން މި ފިލްމުގެ މަސައްކަތްކުރާތާ ދުވަސްގަނޑެއްވެއްޖެއެވެ.