ނުވަވަނަ އިންޓަ އޮފީސް ބިލިއާޑް ޗެމްޕިއަންޝިޕުގެ ޓީމު އިވެންޓުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ކަސްޓަމްސް ރެކްރިއޭޝަން ކުލަބުން ހޯދައިފިއެވެ.
ހުކުރު ދުވަހުގެރޭ ކުޅުނު ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދީ ފައިނަލުގައި ސްޓެލްކޯއާ ވާދަކޮށް ކުރިހޯދައިގެންނެވެ. މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތިންވަނަ ޓީމަކީ އެމްޕީއެލްއެވެ.
އަދި އޮފީސް ބިލިއާޑް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކަސްޓަމުން ހޯދީ ފައިނަލުގައި ސްޓެލްކޯ ބަލިކޮށްގެންނެވެ. އަންހެން ޑިވިޝަނުގެ ތިންވަނަ ޓީމަކީ ކުލަބު ވެމްކޯއެވެ.
މި މުބާރާތުގެ އަންހެން ސިންގަލްސް ތަށި ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ އާމިނަތު ހަލީމް (ދިލް) ވަނީ މިލްކުކޮށްފައެވެ. އަދި މި މުބާރާތުގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުޙައްމަދު ދުންޔާޒްއެވެ.
ހުކުރު ދުވަހުގެރޭ ކުރިއަށްދިޔަ ޓީމު އިވެންޓުގެ ފައިނަލް މެޗުތަކާއި ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
މި ފަހަރުގެ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ފިރިހެން ޑިިވިޝަނުގައި 15 އޮފީހެއް އަދި އަންހެން ޑިވިޝަނުގައި ފަސް އޮފީހެއް ވަނީ ވާދަކޮށްފައެވެ. އަދި މި މުބާރާތުގެ ފިރިހެން ސިންގަލްސްގެ ބައިގައި 15 ކުޅުންތެރިން ވާދަކުރިއިރު، އަންހެން ސިންގަލްސްގައި ވާދަކުރީ ނުވަ ކުޅުންތެރިންނެވެ.