ދުނިޔެ

އެމެރިކާއަށް އެތެރެވާން ކޮވިޑް ޓެސްޓެއް ހުށަހަޅާކަށް ދެން ނުޖެހޭނެ


ވައިގެ މަގުން އެމެރިކާއަށް އެތެރެވުމުގެ ކުރިން ކޮވިޑް ޓެސްޓެއްގެ ނެގެޓިވް ނަތީޖާއެއް ހުށަހަޅަން ޖެހޭ އުސޫލު އުވައިލާން އެމެރިކާއިން ނިންމައިފިއެވެ.

ކޮވިޑް-19ގެ ކޭސްތައް އިތުރުވުމާ ގުޅިގެން، އެ ޤައުމަށް ދަތުރުކުރުމުގެ ކުރިން ކޮވިޑް ޓެސްޓެއް ހަދައި ނެގެޓިވް ނަތީޖާއެއް ހުށަހަޅަން ޖެހޭ ގޮތަށް ހަދައި ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނީ މީގެ 17 މަސް ކުރިންނެވެ. ނަމަވެސް، މާދަމާ އިން ފެށިގެން އެ އުސޫލު އުވައިލާން ސެންޓަރސް ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީ.ޑީ.ސީ) އިން މި ވަނީ ނިންމާފައެވެ.

ކޮންމެ އަހަރެއްގެ ހޫނު މޫސުމަކީ އެ ޤައުމަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ދުވަސްވަރެކެވެ. އަދި އެމެރިކާ ރައްޔިތުންވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ މޫސުމެކެވެ. އެހެން ޤައުމަކަށް ދަތުރުކުރުމަށް ފަހު، އެނބުރި ޤައުމަށް ދަތުރުކުރުމުގެ ކުރިން ކޮވިޑް ޓެސްޓެއްގެ ނެގެޓިވް ނަތީޖާއެއް ހުށަހެޅުމަކީ، އެ ޤައުމުގެ ރައްޔިތުން ވެސް ކަންބޮޑުވާ ކަމެކެވެ. އެއާލައިންތަކުން ބުނާ ގޮތުގައި، ޗުއްޓީގައި އެހެން ޤައުމުތަކަށް ދަތުރުކުރަން އެމެރިކާގެ ރައްޔިތުން ފަސްޖެހޭ އެއް ސަބަބަކީ، ދަތުރުމަތީގައި ކޮވިޑް-19 ޖެހިއްޖެ ނަމަ، އެނބުރި ޤައުމަށް އެތެރެވާން ހުރަސްތަކެއް ކުރިމަތިވާނެތީއެވެ.

ވައިގެ މަގުން އެތެރެވާ ފަސިންޖަރުން ކޮވިޑްގެ ނެގެޓިވް ނަތީޖާއެއް ހުށަހަޅަން ޖެހޭ ގޮތަށް އުސޫލުގައި ކަނޑައަޅާފައި އޮތް ނަމަވެސް، އެއްގަމު މަގުން އެ ޤައުމަށް އެތެރެވާ މީހުން މި އުސޫލަށް އަމަލުކުރާކަށް ނުޖެހެއެވެ.

މި އުސޫލަށް އަމަލުކުރަން ފަށާފައި ވަނީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ. ނަމަވެސް، އެ ޤައުމަށް އަދިވެސް ދަތުރު ކުރެވޭނީ ކޮވިޑް-19ގެ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިވާ ދަތުރުވެރިންނަށް އެކަންޏެވެ. ވައިގެ މަގުން އެތެރެވާ ފަސިންޖަރުން ނެގެޓިވް ނަތީޖާއެއް ހުށަހަޅަން ޖެހޭ އުސޫލު ވިލާތުގެ ގިނަ ޤައުމުތަކަކުން ވެސް ވަނީ ދޫކޮށްލާފައެވެ.