ދުނިޔެ

ހަނގުރާމައިގައި ދުވާލެއްގެ މައްޗަށް 200 އެއްހާ ޔޫކްރެއިން ސިފައިން މަރުވޭ


ޔޫކްރެއިންގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ފަށާފައިވާ ހަނގުރާމައަށް މި ވަނީ 100 އަށް ވުރެ ގިނަ ދުވަސް ފާއިތުވެފައެވެ. ނަމަވެސް، ހަނގުރާމައަށް އަވަސް ނިމުމެއް ގެނެވިދާނެ ކަމުގެ އެއްވެސް ނިޝާނެއް އަދި ފެންނާކަށް ނެތެވެ.

ޔޫކްރެއިން ދިފާޢު ކުރުމަށް ކުރަމުންދާ ހަނގުރާމައިގައި ދުވާލެއްގެ މައްޗަށް 100 އާ 200 ދެމެދުގެ އަދަދެއްގެ ސިފައިން މަރުވާ ކަމަށް އެ ޤައުމުން ބުނެއެވެ. މި އަދަދުތައް ހާމަކޮށްފައި ވަނީ އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީގެ އިސް މުޝީރެއް ކަމުގައިވާ މިޚައިލޯ ޕޮޑޮލްޔެކްއެވެ. "ނާޒީން"ގެ އަތްދަށުން ޔޫކްރެއިން މިނިވަން ކުރުމުގެ ނަމުގައި ޔޫކްރެއިނަށް އަރައި ރަޝިޔާގެ ފައުޖުތަކުން ހަނގުރާމަ ފަށާފައި ވަނީ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. މި ހަނގުރާމަށް 100 ވަށްވުރެ ގިނަ ދުވަސް ފުރިފައިވާ އިރު، މަރުވެފައިވާ މީހުންގެ ފުރިހަމަ އަދަދު ކަށަވަރުވެފައެއް ނުވެއެވެ.

ޕޮޑޮލްޔެކް ވިދާޅުވީ، ހަނގުރާމައިގެ ކުރީ ސަފުގައި ހަރަކާތްތެރިވާ ސިފައިންގެ ތެރެއިން ކޮންމެ ދުވަހަކުހެން 200 އެއްހާ ސިފައިން މަރުވާ ކަމުގައެވެ. އަދި، ހަނގުރާމަ ކާމިޔާބުކޮށް ރަޝިޔާގެ ފައުޖުތަކުގެ މައްޗަށް ކާމިޔާބީ ހޯދުމަށް ހުޅަނގުގެ ޤައުމުތަކުގެ އިތުރު އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމުގައި އޭނާ ވިދާޅުވިއެވެ. ޔޫކްރެއިނުން އޮތީ ރަޝިޔާއާ އެކު ޞުލްޙައިގެ މަޝްވަރާތައް އަލުން ފަށަށް ތައްޔާރަށް ނޫން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޔޫކްރެއިންގެ އިރުމަތީ ޑޮންބެސް ސަރަޙައްދުގައި ދެ ޤައުމުގެ ފައުޖުތަކުން ދަނީ ވަރުގަދައަށް ހަމަލާތައް ބަދަލު ކުރަމުންނެވެ. އެ ސަރަޙައްދުގައި ރަޝިޔާއިން ނިއުކްލިޔަރ ހަތިޔާރު ނޫން އެހެން ހުރިހާ ބާވަތެއްގެ ބަރު ހަތިޔާރު ބޭނުން ކުރަމުންދާ ކަމުގައި ޕޮޑޮލްޔެކް ވިދާޅުވިއެވެ. މީގެ ތެރޭގައި އާޓިލަރީ، ރޮކެޓް ލޯންޗަރ އަދި އަސްކަރީ ވައިގެ އުޅަނދުތައް ހިމެނެއެވެ.

ޕޮޑޮލްޔެކް ވިދާޅުވީ، ރަޝީޔާގެ ސިފައިންގެ މައްޗަށް ކާމިޔާބީ ހޯދުމަށް ޔޫކްރެއިންގެ ސިފައިންނަށް އިތުރު ހަތިޔާރު ބޭނުންވާ ކަމުގައެވެ. މި ގޮތުން, 150 އާއި 300 އާ ދެމެދުގެ އަދަދަކަށް ރޮކެޓް ލޯންޗަރ ސިސްޓަމް ބޭނުންވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޔޫކްރެއިންގެ ބައެއް ސަރަޙައްދުތައް ރަޝިޔާ ސިފައިން ހިފައިފައިވާ އިރު، ރަޝިޔާ ސިފައިންގެ އެކި ހަމަލާތަކުގައި ދުވާލެއްގެ މައްޗަށް 500 އަށްވުރެ ގިނަ ޔޫކްރެއިން ސިފައިން ޒަޚަމްވާ ކަމަށް ވެސް އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުނެއެވެ. މި ހަނގުރާމައިގައި މަރުވެފައިވާ ރަޝިޔާ ސިފައިންގެ އަދަދު ވެސް އުޅެނީ ވަރަށް މަތީގައި ކަމަށް ޔޫކްރެއިނުން ބުނި ނަމަވެސް ރަޝިޔާ ސަރުކާރުން އެ އަދަދުތައް ހާމަކުރުމަށް ޖެހިލުންވެއެވެ.

ގޮވާމާއި ކާބޯތަކެތީގެ އެހެނިހެން ބާވަތްތައް ހައްދައި އެކްސްޕޯޓް ކުރުމުގެ ބާޒާރުގައި ޔޫކްރެއިންއަކީ އިސް ދައުރެއް އަދާކުރާ ޤައުމެކެވެ. ނަމަވެސް، ރަޝިޔާގެ ހަނގުރާމައާ ގުޅިގެން އެ ޤައުމުން އުފައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރަން މި ވަނީ ހުރަސްތަކަކާ ކުރިމަތިވެފައެވެ. އ.ދ.ގެ ކާބޯތަކެއްޗާ ބެހޭ ޖަމުޢިއްޔާއިން ބުނީ، މި ކަމުގެ ސަބަބުން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި 19 މިލިޔަން މީހުން ކާބޯތަކެއްޗަށް ޖެހިދާނެ ކަމުގައެވެ.

ޔޫކްރެއިންގައި އުފައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރެވޭނެ ގޮތްތަކެއް ހޯދުމަށް އ.ދ.އިން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، މި ކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ ހަނގުރާމައާ ގުޅިގެން ބްލެކް ސީ ކަނޑުގެ ސަރަޙައްދުގައި ހަރުކޮށްފައިވާ ނުރައްކާތެރި މައިންތަކެވެ. އެ ސަރަޙައްދު ބަންދުވެފައި އޮތުމުގެ ސަބަބުން ޔޫކްރެއިނުން އެކްސްޕޯޓް ނުކުރެވި ވާ ގޮވާމުގެ ސްޓޮކްތަކުގެ މިންވަރު 20 މިލިޔަން ޓަނަށް އަރާ ކަމަށް އ.ދ.އިން އަންދާޒާ ކުރެއެވެ.