ދުނިޔެ

ތަހުޤީޤުގައި ދަރިފުުޅުވެސް ނުކުތީ ޓްރަމްޕާއި ދެކޮޅަށް


2021 ވަނަ އަހަރުގެ ޖަނަވަރީ 6 ވަނަ ދުވަހު އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ އިމާރާތް ކަމުގައިވާ "ކެޕިޓަލް" ގައި ހިންގި ހަމަނުޖެހުންތަކުގެ ތަހުޤީޤު އެމެރިކާގައި ވަނީ ފަށާފައެވެ.

މި ތަހުޤީޤުގެ އަޑުއެހުންތަކުގެ ފުރަތަމަ ދުވަސް ނިމިފައިވާ އިރު، މިއީ ކެޕިޓަލްގައި ހިންގާފައިވާ ހަމަނުޖެހުންތަކަކީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްކޮށް ހުންނަވައި، ދުރާލާ ރާވައިގެން ހިންގެވި ހަމަނުޖެހުންތަކެއް ކަން ކަށަވަރު ކުރުމެވެ. ޓްރަމްޕާއި ދެކޮޅު ފަރާތްތަކުން ސިފަކުރަނީ އޭނާ ބަޣާވާތެއް ހިންގަން މަސައްކަތް ކުރެއްވި ކަމުގައެވެ.

ފުރަތަމަ ދުވަހުގެ އަޑުއެހުންތަކެއް ހާމަވެގެންދިޔަ އެއް ކަމަކީ، ޓްރަމްޕަށް ލިބެމުންދާ ނާކާމިޔާބީއެވެ. 2020 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީން އިސްވެ އޮވެ، ބޮޑެތި އޮޅުވައިލުންތަކެއް ހަދާފައިވާ ކަމަށާއި، އެ ޕާޓީން އިންތިޚާބުގެ ނަތީޖާ އޮޅުވާލާ، ވައްކަން ކޮށްފައިވާ ކަމަށް ޓްރަމްޕް ތުހުމަތު ކުރައްވައެވެ. އަދި، އިންތިޚާބުގެ ނަތީޖާ ކަނޑައަޅަން ކެޕިޓަލްގައި ބޭއްވި ޚާއްޞަ ޖަލްސާއަށް ޓްރަމްޕްގެ ސަޕޯޓަރުން ހުރަސް އަޅަން މަސައްކަތް ކޮށްފައި ވަނީ އެ ސަބަބާ ހުރެ ކަމަށް އޭނާ ވިދާޅުވެއެވެ.

ނަމަވެސް، ޓްރަމްޕްގެ ދަރިކަނބަލުން އިވާންކާ ޓްރަމްޕް ވެސް ވަނީ އޭނާގެ ތުހުމަތުތަކާ ފޭއަށް ޖެހިވަޑައިގަންނަވާފައެވެ. އަޑުއެހުމުގައި ޢާންމު ކުރި އިވާންކާގެ ވީޑިއޯ ބަޔާނުގައި އޭނާ ވިދާޅުވީ، އިންތިޚާބުގެ ނަތީޖާ އޮޅުވައިލާފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ޤަބޫލުފުޅު ނުކުރައްވާ ކަމުގައެވެ.

ޓްރަމްޕް ސަރުކާރުގެ އެޓަރނީ ޖެނެރަލް ބިލް ބާގެ ބަޔާނުގައި އޭނާ ވިދާޅުވީ، ޓްރަމްޕްގެ ތުހުމަތުތަކާ އޭނާ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ދެކޮޅު ހައްދަވާފައިވާނެ ކަމުގައެވެ. އަދި ބާގެ ބަޔާނާ ގުޅުވާ އިވާންކާ ވިދާޅުވީ، ބާގެ ވާހަކަތަކަށް އޭނާ ވެސް އިޙުތިރާމު ކުރައްވާ ކަމުގައެވެ.

އިވާންކާގެ އިތުރުން ފިރިކަލުން ޖާރެޑް ކުޝްނަރއާއި އެޓަރނީ ޖެނެރަލް ބިލް ބާ އަދި ޓްރަމްޕްގެ ކެމްޕޭންގެ ތަރުޖަމާނު ޖޭސަން މިލަރ އާ އަސްކަރިއްޔާގެ އިސް އޮފިސަރެއް ކަމުގައިވާ ޖެނެރަލް މާކް މައިލީ ވެސް އަޑުއެހުމުގެ ފުރަތަމަ ދުވަހު ހެކިބަސް ދީފައިވެއެވެ. އެ ހުރިހާ ބޭފުޅުން ވެސް ވަނީ، އިންތިޚާބުގެ ނަތީޖާ އޮޅުވައިލާފައިވާ ކަމަށް ޓްރަމްޕް ކުރައްވާ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.