ދުނިޔެ

ހަމަލާތަކުގައި ޔޫކްރެއިންގެ ބައެއް ހިސާބުތައް ސުންނާފަތި ކޮށްލައިފި


ރަޝިޔާއިން ޔޫކްރެއިންއަށް އަރައި ފަށާފައިވާ ހަނގުރާމައިގައި، ޔޫކްރެއިންގެ ލުހާންސްކް ޕްރޮވިންސުގައި އަތްގަދަ ނުކުރެވި މިހާރު އޮތް ހަމައެކަނި ސަރަޙައްދަކީ ސިއެވެރޮދޮނެޓްސްކްއެވެ. ރަޝިޔާގެ ފައުޖުތަކަށް އެ ސަރަޙައްދުން ދަނީ ވަރުގަދަ ދިފާޢަކާ ކުރިމަތިވަމުންނެވެ.

ރަޝިޔާއިން އަސްކަރީ އޮޕަރޭޝަނެއް ހިންގުމުގެ ނަމުގައި ޔޫކްރެއިންއަށް އަރައި، އެ ޤައުމުގެ ބައެއް ސަރަޙައްދުތައް ހިފަން ފަށާފައި ވަނީ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ރަޝިޔާގެ ފައުޖުތަކުން މިހާތަނަށް އަތްގަދަކޮށްފައިވާ ބައެއް ސަރަޙައްދުތަކުގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީގައިވާ ދޮނެޓްސްކްއާއި ލުހާންސް ޕްރޮވިންސް ހިމެނެއެވެ. މީގެ ތެރެއިން ލުހާންސްކްއަށް ބަލައިލާއިރު، ރަޝިޔާއަށް ފައުޖުތަކަށް މުޅި ކޮންޓްރޯލްގެ ދަށަށް ގެނެވިފައި ނުވާ އެއް ސަރަޙައްދަކީ ލުހާންސްކްގެ ސިއެވެރޮދޮނެޓްސްކްއެވެ. ރަޝިޔާގެ ފައުޖުތަކަށް އެ ސަރަޙައްދުން ވަނީ ވަރުގަދަ ދިފާޢަކާ ކުރިމަތިލާން ޖެހިފައެވެ.

ރަޝިޔާގެ ފައުޖުތަކުން ވަނީ ސިއެވެރޮދޮނެޓްސްކް ވަށައިލާފައެވެ. އެ ރަށް ދިފާޢުކުރަން މަސައްކަތް ކުރަމުންދާ ޔޫކްރެއިންގެ ސިފައިންނަށް އަމާޒުކޮށް ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އާޓިލަރީ ހަމަލާތަކުގައި އެ ރަށް މުޅީންހެން ވަނީ ސުންނާފަތިކޮށްލާފައެވެ. އަދި، ރަޝިޔާގެ ފައުޖުތަކުން ވަނީ އެ ރަށުގެ ތެރެއަށް ވަދެގަނެފައެވެ. ސިއެވެރޮދޮނެޓްސްކް ހިފުމަކީ ރަޝިޔާއިން ފަށާފައިވާ ހަނގުރާމައިގެ މައި އެއް އަމާޒެވެ.

ރަޝިޔާއާއި ޔޫކްރެއިންގެ ސިފައިންނާ ދެމެދު މިހާރު ހަނގުރާމަ ކުރަމުން ދަނީ ރަށު ތެރޭގައެވެ. މަގުތަކުގައެވެ. ޢާންމުންގެ ގެދޮރުގެ މެދުގައެވެ. ޔޫކްރެއިންގެ ސަލާމަތީ މަޖިލީހުން ބުނީ ރަޝިޔާގެ އަސްކަރިއްޔާގެ ހުރިހާ ހަތިޔާރެއްހެން ސިއެވެރޮދޮނެޓްސްކްއަށް އަމާޒުކޮށްފައިވާ ކަމުގައެވެ. ދުވާލެއް، ރޭގަނޑެއް ބެލުމެއް ނެތި ސިއެވެރޮދޮނެޓްސްކްއަށް ބޮން އަޅަމުންދާ ކަމުގައެވެ. ނަމަވެސް، ރަޝިޔާގެ ސިފައިން ސިއެވެރޮދޮނެޓްސްކްއަށް ވަދެގަތުމަށްފަހު އާޓިލަރީ ހަމަލާތައް މަދުވެފައިވާ ކަމަށް އެ ސަރަޙައްދުގައި ހަނގުރާމަ ކުރަމުންދާ ސިފައިންގެ އިސްވެރިއަކު ބުންޏެވެ.

ޔޫކްރެއިންގެ ދެކުނުގެ ސަރަޙައްދުތަކަށް ބަލައިލާއިރު، ޒަޕޮރީޝިޔާ ޕްރޮވިންސާއި ކެއަސޯން ސިޓީގައި އެ ޤައުމުގެ ފައުޖުތަކުން ދަނީ ކުރިއެރުންތަކެއް ހޯދަމުންނެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ކޮންމެ ދުވަހަކު ދެއްވާ ވީޑިއޯ މެސެޖުގައި އޭނާ ވިދާޅުވީ، އެ ދެ ސަރަޙައްދުގައި ހަރަކާތްތެރިވާ ރަޝިޔާގެ ފައުޖުތަކުގެ ރޭވުންތައް ރޫޅައިލުމުގައި އޭނާގެ ސިފައިން ކޮންމެ ވެސް ވަރެއްގެ ކުރިއެރުންތަކެއް ހޯދާފައިވާ ކަމުގައެވެ.

ޔޫކްރެއިންގައި ރަޝިޔާއިން ފަށާފައިވާ ހަނގުރާމައިއަށް މިހާރު 100 އަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާ އިރު، މި ހަނގުރާމައަކީ ރަޝިޔާއަށް، އަދި އެ ޤައުމުގެ ރައްޔިތުންނަށް ލިބިފައިވާ ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި އެ ޤައުމުގެ ރައީސް ވްލަޑިމިއަރ ޕުޓިން ސިފަކުރައްވައެވެ. މީގެ ގަރުނުތަކެއް ކުރިން ރަޝިޔާގައި ބައެއް ސަރަޙައްދުތަކުގައި ރަސްކަންކުރެއްވި "ޒާ ޕީޓަރ ދަ ގްރެއިޓް" އުފަންވުމަށް 350 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަފުލާއެއްގައި އޭނާ ވަނީ، ރަޝިޔާއިން ޔޫކްރެއިންގައި ފަށާފައިވާ ހަނގުރާމައާއި ޒާ ޕީޓަރ އިސްވެހުރެ ހިންގި 21 އަހަރުގެ ދިގު ހަނގުރާމައާ އެއްފަދަ ކޮށްފައެވެ. ޕުޓިން ވިދާޅުވީ، ޒާ ޕީޓަރ ހަނގުރާމަ ކުރެއްވީ ރަޝިޔާގެ ބިންތައް ބާރުތަކުގެ އަތްދަށުން މިނިވަންކޮށް އަނބުރާ ހޯދުމަށް ކަމުގައެވެ. އަދި ޔޫކްރެއިންއަށް އަރައި އޭނާގެ ފައުޖުތަކުން މިހާރު ހަނގުރާމަ ކުރަމުން އެ ދަނީ ވެސް ރަޝިޔާގެ ބިންތަކެއް އަނބުރާ ހޯދުމަށް ކަމުގައެވެ.

"ނާޒީން"ގެ އަތްދަށުން ޔޫކްރެއިން މިނިވަންކުރުމުގެ ނަމުގައި ޕުޓިން ފަށްޓަވާފައިވާ މި ހަނގުރާމައިގައި މިހާތަނަށް އެތަކެއް ހާސް ބަޔެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މެދުކެނޑުމެއް ނެތި ހަނގުރާމަ ކުރިއަށްދާތީ، މި ހަނގުރާމައިގައި މިހާތަނަށް މަރުވި މީހުންގެ ފުރިހަމަ އަދަދު ކަށަވަރު ކުރެވޭ ގޮތް ވަނީ ނުވެފައެވެ. މި ހަނގުރާމައާ ގުޅިގެން ޔޫކްރެއިންގެ އެތަކެއް މިލިޔަން ރައްޔިތުންނެއް ވެސް ވަނީ އަމިއްލަ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ.